ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ރިޔާސީ އިންތިޚާބަށްފަހު ބޭއްވި ޤައުމީ ޖަލްސާގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުން ފަސްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައިކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މިރޭ މި މައްސަލައިގެ ހުކުމް އިއްވާގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ. އެހެން ނަމަވެސް އިދާރީ ބައެއް ސަބަބުތައް ހުރިކަމަށް ބުނެ ހައިކޯޓުން ވަނީ ހުކުމް އިއްވުން ފަސްކޮށްފައެވެ.
ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތް ސަބަބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތީ، ސިޔާސީ ޕާޓީތަކުން ކޮންގްރެސް ބޭއްވުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކޮށްފައި ނުވާތީ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައިކޯޓްގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި ޕީޕީއެމްގެ ޤާނޫނީ ޓީމުގެފަރާތުން ވިދާޅުވީ، އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޕާޓީގެ ސިޔާސީ ޙަރަކާތްތައް ހުއްޓިފައި އޮންނައޮތުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ޕީޕީއެމްގެ ކޮންގްރެސްގެ ކުރިން އެޕާޓީގެ ކައުންސިލްގެ ޚާއްޞަ ބައްދަލުވުމެއް ބާއްވައި ޚާއްޞަ ގޮތުން ބޭއްވޭ ކޮންގްރެސްގައި ޢަމަލު ކުރާނެ ގޮތްތަކެއް ނިންމައި އެޕާޓީގެ އަސާސީ ޤަވާއިދުގެ 4 މާއްދާއެއްވެސް ބާތިލުކޮށްފައިވާނެ ކަމަށެވެ. ޕީޕީއެމުން ބުނީ އެޕާޓީގެ ކޮންގްރެސް ކުރިއަށް ގެންދިޔައީ އީސީގެ އޮބްޒާވަރުންގެ ހާޒިރުގައި ކަމަށެވެ. އަދި އެއަށްފަހު ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ކޮންގްރެސް ނިމުނުތާ 15 ދުވަހުގެތެރޭގައި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.
ޕީޕީއެމުން ހައިކޯޓުގައި އެދިފައިވަނީ އެ ޕާޓީގެ ކޮންގްރެސް އަކީ އަސާސީ ޤަވާއިދާ ޚިލާފަށް ކުރިއަށް ގެންދިޔަ ކޮންގްރެސްއެއް ކަމަށް އީސީން ބުނި ނަމަވެސް، އެއީ ޞައްޙަ ވާހަކަތަކަކަށް ނުވާތީ، ޕީޕީއެމުން ޚާއްޞަ ގޮތުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އީސީން ނިންމި ނިންމުން ބާތިލު ކޮށްދެއްވުމަށެވެ.
ޕީޕީއެމްގެ ދައުވާއަށް އިންކާރުކޮށް އީސީގެ ޤާނޫނީ ޓީމުގެ ފަރާތުން ހައިކޯޓުގައި ވިދާޅުވީ، ޕީޕީއެމުންބުނާ ބައެއް ކަންކަން ދަޢުވާގައި އެދިފައިވާ އެދުމާ ގުޅުން ނެތް ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އަސާސީ ޤަވާއިދާއި، އެ ޕާޓީގެ އިންތިޚާބުތަކާބެހޭ ޤަވާއިދަށް ބަލާއިރު ޤައުމީ ޖަލްސާ އާއި ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާތަކުގައިވެސް ޢަމަލުކުރަންޖެހެނީ އެއްގޮތަކަށްކަން ޤަވާއިދުގައި ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އިލެކްޝަންސް ކޮމިޝަނުގެ ވަކީލުންނަށް އަމާޒުވެފައިވާއިރު، މި މައްސަލައިގެ ހުކުމަށް ޕީޕީއެމްގެ އިތުރުން އެހެނިހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.