ސިޔާސީ

މެމްބަރު އަހުމަދު ރަޝީދާއި މެމްބަރު އަހުމަދު މުބީން ޖޭޕީއަށް ގުޅިވަޑައިގެންފި


ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެންބަރު ޤާރީ އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި މި ދެމެމްބަރުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ޖޭޕީ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މުބީން ޖޭޕީއަށް ސޮއިކޮށްފައިވާއިރު 2014 ވަނަ އަހަރު އޭނާ މަޖިލީހަށް އިންތިޚާބުވީ ޖޭޕީގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން ޕާޓީ ބަދަލުކުރެއްވީއެވެ.

މުބީން އާއި ޤާރީ އަހުމަދު ރަޝީދުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ.

މުބީނާއި އަހުމަދު ރަޝީދު ޖޭޕީއަށް ސޮއިކުރެއްވުމުގެ ބޭއްވި ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އަލަށް އެ ޕާޓީއާ ގުޅިވަޑައިގަންނަވާ މެމްބަރުންނާއެކު ޕާޓީއަށް ލިބޭ ކުރިއެރުމާމެދު އުފާ ކުރައްވާ ކަމަށެވެ. އަދި ޖޭޕީ ދޫކުރައްވައި މީގެ ކުރިން އެހެން ޕާޓީތަކަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް އަނބުރާ އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.