ޚަބަރު

ވަޒީރުންގެ މަޖިލިސް އެކުލަވާލުމާ ގުޅޭގޮތުން ކޯލިޝަންގެ ލީޑަރުން މަޝްވަރާކޮށްފި


އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލަވާލުމާ ގުޅޭގޮތުން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އެންމެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، ގޮތްތަކެއް ނިންމަވައިފިއެވެ.

އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލަވާލުމާ ގުޅޭގޮތުން ކޯލިޝަންގައި ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާކޮށް، ގޮތްތަކެއް ނިންމެވީ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަތެވެ.

މަޝްވަރާ ބައްދަލުވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ވަޒީރުންގެ މަޖިލިސް އެކުލަވާލާނޭ ގޮތާމެދު ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ގޮތްތަކެއް ނިންމާފައިވާކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އެމަނިކުފާނު ނުދެއްވައެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާގައި ކޯލިޝަން ދެމެހެއްޓުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި ޤައުމުގެ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަހަކު އެއް ފަހަރު ލީޑަރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށްވެސް ނިންމާފައިވާކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.

" އެބައްދަލުވުންތަކުގައި އަޅުގަނޑުމެން ޤައުމުގެ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އަޅުގަނޑަށް ލަފާ އަރުވާގޮތަށް ބައްދަލުވުމުގައި ނިމިގެންދިޔައީ. ހަމައެއާއެކީގައި މިހާރުން މިހާރަށް ކުރަންޖެހޭ އެއްކަމެއްގެ ގޮތުގައި ކެބްނެޓް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކޮށް، އެއަށްވެސް މިވަނީ ގޮތްތަކެއް ނިމިފައި. އަޅުގަނޑުމެންނަށް އެއްބަސްވެވުނީ އިންތިޅޚާބާ ހިސާބަށް މިއޮތް ކޯލިޝަން އެގޮތަށް ދަމަހައްޓާ ރައްޔިތުން އެކުރި އުއްމީދުތައް ހަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން އޭރުވެސް އެއޮތްގޮތަށް އެކީގައި މަސައްކަތްކުރުމަށް ދެމިތިބޭގޮތަށް. މިއީ ޖުމްލަކޮށް އަޅުގަނޑުމެން މިއަދު ފަށައިގަތް މަސައްކަތަކީ" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ، ކަންކަން ނިންމެވުމުގެ ބާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށްކަމަށާއި ޕާޓީތަކުގެ ލީޑަރުންނަކީ މަޝްވަރާ އަރުވަން ތިބޭ ބޭފުޅުންކަމަށެވެ. އަދި މިމަޝްވަރާތަކުގެ ސަބަބުން ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހެދުމަށް މަގުފަހިވެގެންދާނޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ޤާނޫނުތައް އޮންނަ ގޮތުން ކަންކަން ނިންމެވުމުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާ ނިންވަމާ ނިންމެވުން.. އެ ނިމުނީ.. އަޅުގަނޑުމެން އަރުވާނީ މަޝްވަރާ.. އަޅުގަނޑުމެންނަކީ ކަންކަން ނިންމާ ބައެއް ނޫން. އެހެންވީމާ އެގޮތުގެ މަތިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނގާއި މަސައްކަތްކުރުމަށް މިއަދު މި އެއްބަސްވެވުނީ.. މިއީ ވަރަށް މުހިއްމު އެއްބަސްވުމެއް." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަންގެ ތެރެއިން ވަޒީރުންގެ މަޖިލިސް އެކުލަވާލިނަމަވެސް، ވަޒީރުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ ވަޒީރުންގެ މަޖިލީހަކަށް ހެދުމަށް ހުރިހާ ލީޑަރުން އެއްބަސްވެފައިވާކަމަށެވެ.

" އަޅުގަނޑުމެންނަށް މިއަދު މުހިއްމު ނިންމުންތަކެއް ނިންމިއްޖެ. ފުރަތަމަ ކަމަކަށް ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ މިއުފެދެނީ މިއެކުލަވާލެވެނީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓެއްކަން.. އެކެބިނެޓް އެކުލެވިގެންވާނީ ރައީސުލްޖުމްހޫރިއްޔާ ހިޔާރުކުރައްވާ ބޭފުޅުންގެ މައްޗަށްކަން.. ތެދުފުޅެއް ހަމައެއާއެކީގައި ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވެވަޑައިގަތީ އިއްތިޚާދަކުންކަން.. އެހެންވީމާ ރައީސުލްޖުމްހުރިއްޔާގެ ކެބްނެޓް އެކުލަވާލައްވާއިރުގައި އެވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާ ގެންގުޅުންވަން.. ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ކެބިނެޓް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރުހިފޭ، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަކަށް.. އަޅުގަނޑުމެން ހުރިހާ ޕާޓީތަކުންވެސް އެދެނީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓާއެކުގައި ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ކުރެވިގެން، އެކުވެރިކަމާއެކީގައި އެކެބިނެޓަށް މަސައްކަތްކުރެވޭނެ ގޮތްތަކެއް" ނަޝީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އައު ސަރުކާރަކީ ރައްޔިތުންގެ ބޭނުންވާ ކަންކަން ފުއްދުމަށް މަސައްކަތްކުރާ، ކޮރަޕްޝަނާ އަނިޔާވެރިކަމާ ދެކޮޅު ސަރުކާރަށް ވެގެންދާނޭކަމަށެވެ.

" އަޅުގަނޑުމެން މިތިބީ އެއްބަސްވެގެން މިއަދު.. ވަރަށް ރަނގަޅަށް އަޅުގަނޑުމެންގެ ކޯލިޝަން ދެމެހެއްޓުމަށާއި އެއްބައިވަންތަކަން އާލާކޮށް. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން އެދޭ އެދުންތައް ފުރިހަމަކޮށްދިނުމުގައި އަތުކުރި އޮޅާލައިގެން ރެޔާ ދުވާލު މަސައްކަތްކޮށް، މިރާއްޖެއަށް ބާޖަވެރި އަމާން ދުވަސްތަކެއް ގެނެސްދިނުމަށް.. އިޚްލާސްތެރިކަމާއި ވަފާތެރިކަމާއި އެކީގައި މަސައްކަތްކުރާނީ ދިވެހި ރައްޔިތުންނަށް އެންމެހާ މަންފާތަކާއި ފައިދާހުރި ގޮތެއްގައި.. އަނިޔާވެރިކަމާއި ފަސާދައާއި ފިތުނަވެރިކަމާއި ދުރުވެ، ޤާނޫނީ ދުސްތޫރީ ހަމަތަކުގެ މަތިން އިންސާފު ލިބިގެންދާނެ ދުވަސްތަކެއް މިޤައުމަށް ގެނެސްދިނުމަށް" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ، ލީޑަރުންގެ މެދުގައި އެއްބަސްވެފައިވާ ގޮތަށް ޕާޓީތަކުގެ މަޝްވަރާގެ އުސޫލުން ސަރުކާރު ކުރިއަށްދާނަމަ ރައްޔިތުންނަށް ފައިދާހުރި ނިންމުންތަކެއް ނިންމޭނެކަމަށެވެ.

"މިއަދު ކުރެވުނު މަޝްވަރާތަކުން ހާމަވެގެންދަނީ ރައްޔިތުންގެ ފޮނި އުއްމީދުތަކާއި ގުޅިފައިވާ ކަންކަން.. މިސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއްކަން، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ސަރުކާރެއްކަން، ރައްޔިތުންގެ ހިއްސާ މިސަރުކާރުގައި އެކުލެވިގެންވާކަން، ހަތަރު ޕާޓީގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރިއަށްގެންދަވާނަމަ، އެކަންކަން އެއަންނަނީ ރައްޔިތުންގެ ތެރެއިން.. ޕާޓީތަކުން ގެނެވޭ ހިޔާލުތައް ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ޕާޓީތަކުން މަޝްވަރާ އެރުވުމަށްފަހުގައި، ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ކަންކަން ނިންމަވާނަމަ އިރާދަކުރެއްވިއްޔާ ކަންކަން ނިމިގެންދާނީ ރައްޔިތުންނަށް މަންފާއާއި ފައިދާ ލިބޭގޮތަށް، ރައްޔިތުންގެ ވިންދާ ރޫހާ އެއްގޮތަށް، އަޅުގަނޑުމެންނަށް މިއަދު ވެވުނު އެންމެ މުހިއްމު އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އެންމެ މަތީ މަޝްވަރާ އަރުވާނެ ބޭފުޅުންނަކީ މިޕާޓީތަކުގެ އިސްވެރިންކަން" އިމްރާން ވިދާޅުވިއެވެ.

އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލަވާލުމާ ގުޅޭގޮތުން ޕާޓީތަކުގެ ލީޑަރުން މެދުގައި ގޮތްތަކެއް ނިންމާފައިވާއިރު، އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭނީ 19 ވުޒާރާއެއްކަމަށް އިންތިޚާބީ ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. އޭގެތެރޭގައި އަލަށް އުފައްދާ ވުޒާރާތަކާއި، ނަމަށް ބައެއް ބަދަލުތައް އަންނަ ވުޒާރާތައް ހިމެނެއެވެ.