ޚަބަރު

"ހެލްޕް ޔަމަން މޯލްޑިވްސް"ގެ ނަމުގައި ކެމްޕެއިނެއް ފަށަނީ


ދުނިޔޭގެ އެކި ޤައުމުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއިން އިސްނަގައިގެން، ޔަމަނައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކެމްޕެއިނެއް ފަށަން ނިންމައިފިއެވެ.

މިލިއަންއެއްހާ މީހުން ހާލުގައިޖެހި، ބަނޑުހައި ހޫނުކަމުގައި ދުވަސްތައް ހޭދަކުރަމުންދާ ޔަމަނުގެ ރައްޔިތުންނަށް އެހީވުމަށް ފަށާ ކެމްޕެއިން އަންނަ ހަފްތާގެގތެރޭގައި ފަށާނެކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވިއެވެ. ބަނޑުހައި ހޫނުކަން ތަޙައްމަލުކުރަންޖެހިފައިވާ ޔަމަނުގެ ނިކަމެތި ރައްޔިތުންގެތެރެއިން ކޮންމެ ދިހަ މިނެޓަކުން ކުޑަކުއްޖަކު ދުނިޔެއިން ވަކިވެގެންދާކަމަށް ޔަމަނުގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުޔނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ވައިސް ޗެއަރމަން ނާއިފް ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ ނިކަމެތި މުސްލިމުންނަށް އެހީވުމަކީ މިއަދު އިސްލާމީ އުންމަތުގެ އެންމެންގެ މައްޗަށް އޮތް ވާޖިބެއްކަމަށް އެޖަމްޢިއްޔާއިން ދެކޭކަމަށެވެ. ވުމާއިއެކު މިކަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރުވުމަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އަކީ 2016 ވަނަ އަހަރުންފެށިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވެދެމުންދާ އަމިއްލަ ޖަމްޢިއްޔާއެކެވެ. އެގޮތުން ސޫރިޔާ، މިޔަންމާ، ޢާއްޒާ ފަދަ ސަރަޙައްދުތަކުގއި ޙާލުގައިޖެހިފައިވާ މީހުންނަށް ފައިސާގެ ގޮތުންނާއި ޒަރޫރީ ބޭނުންތަކަށް ފުދޭ ތަކެތިންވެސް މި ޖަމްޢިއްޔާ މެދުވެރިވެގެން ވަނީ އެހީތެރިވެދީފައެވެ.

މީގެ ކުރިން މި ޖަމްޢިއްޔާއިން ކުރިއަށް ގެންގޮސްފައިވާ ކެމްޕެއިންތަކުގައި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ފަރުދުން ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރައްވަމުން ނާއިފް ވިދާޅުވީ މިފަހަރުވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ނާއިފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މި ހަރަކާތް ކުރިއަށްދާނެ ކަމަށެވެ.