ޚަބަރު

އެސޯސިއޭޝަން ފޮރ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް، އަސްބާ އިފްތިތާހުކޮށްފި


ނުކުޅުދުންތެރިކަން ހުންނަ މީހުންނާ، އިސްރަށްވެހިން ބާރުވެރިކުރުވުމަށް މަސައްކަތްކުރުމުގެ މަޤްސަދުގައި އެސޯސިއޭޝަން ފޮރ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް، އަސްބާގެ ނަމުގައި ޖަމްއިއްޔާއެއް އިފްތިތާހުކޮށްފިއެވެ.

ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި މިޖަމުއިއްޔާ އިފްތިތާހުކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަބިކަނބަލުން ލައިލާ އަލީއެވެ. މިއެސޯސިއޭޝަންގެ ފައުންޑިން މެންބަރުންނަކީ ރައްޔިތުންގެ މަޖުލީހުގެ ރައީސްގެ ގާސިމް އިބްރާހިމްގެ އަބިކަނބަލުން އައިޝަތު ނަހުލާއާއި އޭނާގެ މަންމަ ހަދީޖާ އިބްރާހިމްއެވެ.

އަސްބާއަކީ މުޖުތަމައުގައި އެކަހެރިވެފައިވާ ފަރާތްތައް ބާރުވެރިކުރުވާ، އެމީހުންނަކީ މުޖުތަމައުއަށް ފައިދާކުރާ މަސައްކަތްތެރި ބަޔަކަށް ހެދުމަށް އެމީހުން ބާރުވެރިކުރުވުމަށް އެކި ރޮނގު ރޮނގުން މަސައްކަތްކުރުމަށް އުފެއްދި ޖަމުއިއްޔާއެއްކަމަށް، މިޖަމްޢިއްޔާގެ ފައުންޑިންގ މެމްބަރ ނަހުލާ ވިދަޅުވިއެވެ.

"މިގޮތުން އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތުގެ އަމާޒަކީ އިޖުތިމާއީ ބައެއް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ނެރިދިނުމަށްޓަކާ އަޅުގަނޑުމެނަށް ވެވުނު މިންވަރަކަށް އެހީވުން. ބައިވެރިވުން. އުފެއްދުންތެރި މުޖުތަމައުއެއް ބިނާކުރުމަށް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެންމެ މުހިންމު ކަމަކީ ހަމަކޮންމެ މީހަކީވެސް އުފެއްދުންތެރި މީހަކަށް ހެދުން. އެކަންކުރެވޭނީ މީސްމީހުންގެ ޝައުޤުދެނެގަނެ، ހުނަރުވެރި މަސައްކަތްތެރި ބަޔަކަށް އެމީހުން ހަދައިގެން." ނަހުލާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެސޯސިއޭޝަނާއެކު މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް، ފެއިމުން ވަނީ އަސްބާއާއެކު ސޮއިކޮށްފައެވެ.

މިއެސޯސިއޭޝަން ޤައިމްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަޖުލީހުގެ ރައީސް ޤާސިމް އިބްރަހިމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަތެވެ.