ޚަބަރު

4 ރަށެއްގެ ފެނުގެ ނިޒާމާއި 5 ރަށުގެ ނަރުދަމާ ނިޒާމުގާއިމް ކުރަނީ


ހަތަރު ރަށެއްގެ ފެނުގެ ނިޒާމާއި ފަސް ރަށުގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި އަމަލީ މަސައްކަތް ބެލެހެއްޓުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓު އެންޑް އެނާރޖީއިން އަލް-ހަބްޝީ ކޮންސަލްޓެންޓްސްއާ ޙަވާލުކުރައްވައިފިއެވެ.މިމަޝްރޫގެ ދަށުން ނަރުދަމާ ނިޒާމު ޤާއިމްކުރާ ފަސް ރަށަކީ، ބ.ތުޅާދޫ، ނ.ވެލިދޫ، ރ.ހުޅުދުއްފާރު، ގއ.ކޮލަމާފުށި، އަދި ގދ.ގައްދޫއެވެ. އަދި ފެނުގެ ނިޒާމު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ބ.ތުޅާދޫ، ނ.ވެލިދޫ، ރ.ހުޅުދުއްފާރު، އަދި ގއ. ކޮލަމާފުށި މި ހަތަރު ރަށުގައެވެ.ޝީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫޢުގެ ޑިޒައިން އަދި އަމަލީ މަސައްކަތް ބެލެހެއްޓުމަށް އަލް-ހަބްޝީ ކޮންސަލްޓެންޓްސްއާ ޙަވާލުކުރެއްވީ އެންވަޔަރޮމަންޓް މިނިސްޓަރ ތޯރިޤް އިބްރާޙީމްއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފެނާ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި އަމަލީ މަސައްކަތް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ މަޝްރޫޢުތައް ދެހާސް ސޯޅައިގެ ކުރިން ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފެނާ ނަރުދަމާގެ ނިޒާމު ޤާއިމްކޮށްދިނުން ކަމުގައެވެ.މިމަޝްރޫޢަށް ޖުމްލަ ވިހި މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަދި މިމަޝްރޫޢަށް އަށާރަ ޕޮއިން ނުވައެއް އެކެއް މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އޮފިޑުގެ ލޯނު އެހީގައެވެ. މީގެ އިތުރުން ސަރުކާރުގެ ބަޖެޓުން އެކެއް ޕޮއިންޓު ސުމެއް ނުވައެއް މިލިއަން ޑޮލަރު މަޝްރޫއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.