ޚަބަރު

ބޭންކިންގ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއް މާދަމާ ފަށަނީ


ބޭންކިންގ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސްއެއް ރާއްޖޭގައި މާދަމާ ފަށާނެއެވެ.

އޭޝިޔަން ބެންކާޒް އެސޯސިއޭޝަން، އޭ.ބީ.އޭ ޖެނެރަލް މީޓީން އެންޑް ކޮންފަރެންސްގެ ތިރީސް ފަސްވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ކުރުނބާ މޯލްޑިވްސް ރިޒޯޓުގައެވެ.

ބެންކު އޮފް މޯލްޑިވްސްއިން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންފަރެންސްގައި 25 ޤައުމަކުން 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށެވެ. ބީއެމްއެލުން ފާހަގަކުރާ ގޮތުގައި މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ބޭންކިން ދާއިރާގެ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "ބޭންކިން އިން އޭޝިޔާ – ދި ނެކްސްޓް ފްރޮންޓިއަރ"އެވެ.

މިކޮންފަރެންސްގެ ތެރެއިން ސަރަހައްދީ ޤައުމުތަކުގެ މެދުގައި ބޭންކިންގެ ދާއިރާ ހަރުދަނާކޮށް، ފުޅާކުރެވޭނެ ގޮތްތަކާ، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްހަމައެއްގައި ބޭންކިންގެ ދާއިރާ ކުރިއެރުވުމާބެހޭ ގޮތުން މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.