ޚަބަރު

ައިފޮޕްކާގެ 44 ވަނަ ބައްދަލުވުމުގައި މަސީން ބައިވެރިވެއްޖެ


އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން ވެސްޓަން ފެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން، އިފޮޕްކާގެ 44ވަނަ ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ބައިވެރިވަމުން އެބަދެއެވެ.

މެލޭޝިޔާގައި ކުރިޔަށްދާ އިފޮޕްކާގެ 44ވަނަ ބައްދަލުވުމަކީ ޞަރަޙައްދީ ފެންވަރެއްގައި ބާއްވާ ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މިއަހަރުގެ އިފޮޕްކާގެ ބައްދަލުވުން ހުޅުއްވައިދެއްވީ މެލޭޝިޔާގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދުއެވެ. މިބައްދަލުވުމުގައި މަސީގެ ފަރާތުން ބައިވެރިވި ވަފުދުގައި މަސީގެ ކުރީގެ ރައީސް މުޙައްމަދު އަލީ ޖަނާޙާއި، އެލިއާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރ އަލާއު ޢަލީއާއި، ދަމާސް ކުންފުނީގެ ވެރިޔާ އަބްދުﷲ ޞާލިޙުގެ އިތުރުން އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ ޢަބްދުﷲ މުޙައްމަދު ހިމެނެއެވެ. މިބައްދަލުވުމުގައި މަސީގެ ފަރާތުން ވާޙަކަދެއްކެވީ ޢަބްދުﷲ ޞާލިޙެވެ.

މިބައްދަލުވުމުގެ ތެރެއިން އިފޮޕްކާގެ ކުރިޔަށް އޮތް ދައުރުގެ ރައީސްކަމަށް މަސީގެ މުޙައްމަދު އަލީ ޖަނާޙު ހޮވުމަށްވެސް ހަމަޖެހިފައިވެއެވެ. މިއަންނަ އަހަރުގެ އިފޮޕްކާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.

ތިން ދުވަހަށް ކުރިޔަށްދާ މިބައްދަލުވުމުގައި މި ޞަރަޙައްދުގެ އެންމެ ބޮޑު ޢިމާރާތްކުރުމާބެހޭ ކުންފުނިތަކުން ބައިވެރިވަމުންދެއެވެ. މިބައްދަލުވުމުގައި ޞަރަޙައްދީ ފެންވަރެއްގައި ޢިމާރާތްކުރުމުގެ ދާއިރާ ހަރުދަނާކޮށް، އެކުންފުނި އަނެއް ކުންފުންޏާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމާބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.