ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޖަލްސާއިން ނުކުމެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ދެން ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޚުގެ ސަރުކާރުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެގޮތަށް ނިންމެވީ ދިވެހި ޤައުމާއި ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމުގެ ބޭނުންފުޅުގައި ކަމަށެވެ. އެގޮތުން އެންމެ ފުރިހަމަ ގޮތުގައި އެ ޚިދުމަތް ފޯރުކޮށްދެވޭނީ އިބްރާހީމް މުޙައްމަދު ޞާލިޚުގެ ސަރުކާރުގައި މަސައްކަތް ކުރައްވައިގެން ކަމަށާއި އެ މަނިކުފާނު ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް ކުރައްވަންވެސް ތައްޔާރަށް ހުންނެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި ވަޑައިގެންނެވީ، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ކަމަށާއި މި ފާއިތުވެ ދިޔަ ދުވަސްތަކުގައި ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުނު ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އަދި މަޖިލީހުގެ ރައީސްކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައިވެސް މަސައްކަތް ކުރައްވާފައިވަނީ ޤާނޫނު އަސާސީއާ މަޖިލީހުގެ ޤަވައިދާއި އުސޫލުތަކާ އެއްގޮތަށް ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. ޝާހިދު ވިދާޅުވީ މިހާރު ހިނގަމުން މިދާ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ ކަންތައްތަކެއް ކުރެއްވީ އުސޫލުން ބޭރުން ކަމަށާއި އެކަންކަން އިސްލާޙް ކުރުމަށް މެންބަރުން ވަރަށް ބޮޑަށް މަސައްކަތް ވެސް ކުރެއްވި ކަމަށެވެ. އެގޮތުން މިއަދު މަޖިލިސް ގޭތެރެއިން ފެނިގެން ދަނީ މެމްބަރުން ކުރެއްވި އިޚްލާސްތެރި މަސައްކަތް ކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް ރައްޔިތުންގެ މަޖިލިސް ކުރިއަށް ދާންވާނީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި ހުންނަވައިގެން ހުށަހެޅުއްވި އެއްމެ ފަހު ބިލަކީ ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގެއް ހޯދައިދެއްވުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ. އެއާއެކު އަބުރުގެ ޤާނޫނު އުވާލުމަށް ގިނަ ޢަދަދެއްގެ މެންބަރުންގެ ވޯޓާއެކު އެ ބިލް ފާސްކޮށްފައިވާތީ ޝާހިދު ވަނީ އެމެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެއީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތުން ދިވެހި ރައްޔިތުންނާއި މީޑިއާއަށް ދެއްވި ހަދިޔާއެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ އަބުރުގެ ޤާނޫނު އުވާލުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައިފިނަމަ އިބްރާހީމް މުޙައްމަދު ޞާލިޚް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ތަސްދީގު ކުރައްވާނެ ބިލަކީ އެއީ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޖުމްލަ ފަސް ދައުރެއްގެ މަތިން 25 އަހަރު މަޖިލީހުގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ވ.އަތޮޅުގެ ރައްޔިތުންނަށާއި، ކެޔޮދޫ ދާއިރާގެ ރައްޔިތުންނަށާއި، ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ އިތުރުން އެމަނިކުފާނާއެކު އެކި ދައުރުތަކުގައި މަޖިލީހުގައި މަސައްކަތް ކުރެއްވި މެންބަރުންނަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
17ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޢަބްދުﷲ ޝާހިދު ވަނީ ވ.އަތޮޅުގެ މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މެންބަރުކަމާއި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރައްވާފައެވެ. އަދި މިހާރު އެކުލަވާލާފައިވާ ފެހި ޤާނޫނުއަސާސީއާއި އޭގެ ކުރިން އަމަލުކުރަމުން ދިޔަ ނޫ ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގައި ޝާހިދު ވަނީ މަސައްކަތް ކުރައްވާފައެވެ.