ޚަބަރު

ކޯޓުތަކުން އިޖްތިމާޢީ ޒިންމާވެސް އުފުލަން ޖެހޭ-


ކޯޓުތަކަކީ ހަމައެކަނި ހުކުމްކުރާ ތަނަކަށް ވެގެން ފަރުޖެއްސެން ނެތްކަމަށާއި، އިޖްތިމާޢީ ޒިންމާވެސް އުފުލަން ޖެހޭކަމަށް ހައިކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޛް އަލީ ސަމީރު ވިދާޅުވެއްޖެއެވެ. ފަނޑިޔާރު އަލީ ސަމީރު މިހެން ވިދާޅުވީ، ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ގަޒިއްޔާތަށް ނުވަތަ މައްސަލަތަކުގެ ރިޕޯޓްތައް ހިމަނާފައިވާ "ހައިކޯޓް ރިޕޯޓަރ" ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ހައިކޯޓުން މިހާތަނަށް ނިންމާފައިވަ މައްސަލަތަކުގެ "ހައިކޯޓް ރިޕޯޓަރ"ގެ ފުރަތަމަ އަދަދުގައި ހިމަނާފައިވަނީ އެކޯޓުން މިހާތަނަށް ނިންމާފައިވާ އާއިލީ މައްސަލަތަކުގެ  57 މައްސަލައެއްގެ ރިޕޯޓެވެ. އޭގެ ތެރޭގައި، ފަޞާނާތުގެ މައްސަލަތަކާއި، ދަރިންގެ ޚަރަދު ދިނުމާއި، ކައިވެނި ވަރީގެ މައްސަލަތަކާއި، މައިންބަފައިންނާއި ޝަރުއީ ބަލަދުވެރިން ކަނޑައެޅުމާއި، ކޯޓު އަމުރުތަކާއި، އުމުރު ސާބިތު ކުރުމުގެ މައްސަލަތަށް ނިންމި ގޮތުގެ ރިޕޯޓްތައް ހިމެނެއެވެ. ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ،ޝަރީއަތުން ނިންމާ ނިންމުންތައް ފަސޭހަ ކަމާއިއެކު ލިބޭނެގޮތް ހަމަޖެހިގެން ދިއުމަކީ، ޤާނޫނު އަސާސީގައި ބަޔާންކުރާ އާންމުކޮށް ހުޅުވާލައިގެން ޝަރީއަށް ހިންގުމަށް މުހިއްމުކަމެއްކަމަށެވެ.އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދުގެ ފަރާތްޕުޅުން މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޖްތާޒް ފަހުމީ ދެއްކެވި ވާހަކަފުޅުގައި، ކިތަންމެ އިންސާފުވެރި ހުކުމެއް ކުރިނަމަވެސް ފަނޑިޔާރުންނަކީ ދޮގު ތުހުމަތުތައް ރައްދުވާ ބައެއްކަމަށް ވިދާޅުވިއެވެ. މުޖުތާޒް ވިދާޅުވީ ޝަރީއަތްކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށާއި، ފަނޑިޔާރުން ކުރައްވަ މޮޅު ކަންތަކުގެ ވާހަކަ ނުވަތަ އިންސާފުވެރިކަމުގެ ވާހަކަދައްކާނެ މީހަކު ނުވާކަމަށް. ރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމަށްވުރެން މަދަނީ އަދުލުގެ ނިޒާމަށް ރައްޔިތުން އިތުބާރުކުރާކަމަށާއި، ނަމަވެސް މިކަމުގައި ނިކުންނަ ހަމައެކަނި މައްސަލައަކީ މަދަނީ މައްސަލަތަށް ލަސްވުންކަމަށެވެ.މުޖުތާޒްގެ ވާހަކަފުޅުގައި އާއުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދު ޝަރުއީ ދާއިރާގައި ހުރި މައްސަލަތަށް އަވަހަށް ހައްލުކޮށްދީ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.ހައިކޯޓުން ނިންމާފައިވާ އާއިލީ މައްސަލަތަކުގެ ރިޕޯޓަށްފަހު ދެން ނެރުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންނައި ބަދުއަހްލަގީ އަމަލު ހިންގުމުގެ 81 މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓްކަމަށް ހައިކޯޓުން މަޢުލޫމާތުދެއެވެ.