ސިޔާސީ

އިޤްތިޞާދީ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެމެރިކާގެ އެހީތެރިކަން


ދިވެހި ސަރުކާރުގެ އިޤްތިޞާދީ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެމެރިކާއިން އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ނިޝާ ބިސްވާލް ވިދާޅުވެއްޖެއެވެ.ބުދަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމް.ބީ.ސީ. ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ބިސްވާލް ވިދާޅުވީ، އިޤްތިޞާދީ ގޮތުން ބައިނަލްއަޤްވާމީ މުޖުތަމައަށް ރާއްޖެ ހުޅުވިގެންދިޔުމަކީ، އެމެރިކާފަދަ ޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރުމަށް އޮތް ރަނގަޅު ފުރުޞަތެއްކަމަށެވެ.އޮކްޓޯބަރު މަހު ދެ ޤައުމުގެ ދެމެދުގައި ބޭއްވި ޓްރޭޑް އެންޑް އިންވެސްޓްމެންޓް އެގްރީމެންޓް ޓީފާ ބައްދަލުވުމުގައި އެންމެ އިސްކަމެއްދީފައިވަނީ ރާއްޖެއަށް ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއިބެހޭ މަޝްވަރާތަކަށްކަމަށް ބިސްވާލް ވިދާޅުވިއެވެ. މިގޮތުން، ރާއްޖެއަށް ބޭރުގެ އިންވެސްޓްމެންޓްތައް ގެނައުމުގައި، އަދި ޚާއްޞަކޮށް އެމެރިކާއިން އިންވެސްޓަރުން ހޯދުމުގައި، އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާތައް ކުރިޔަށްދިޔަކަމަށް ބިސްވާލް ވިދާޅުވިއެވެ. އަދި މި ވާހަކަތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފުރުޞަތު ހުޅުވިގެންގޮސްފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.ރާއްޖެއަށް ކުރިމަތިވި ސާފު ބޯފެނުގެ ދަތިކަމާއި ބެހޭގޮތުން ބިސްވާލް ވިދާޅުވީ، މިފަދަ ކުއްލި ޙާލަތްތަކުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އޮތީ އަބަދުވެސް ތައްޔާރަށްކަމަށެވެ.ފެން ރައްކާތެރިކުރުމާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށް ވާރޭފެން ރައްކާކުރުމާއި، ޑިސެލިނޭޝަން މަޝްރޫޢުތަކުގައި ކުރިއެކޭ އެއްގޮތަށް އެމެރިކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ބިސްވާލް ވިދާޅުވިއެވެ. ބިސްވާލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ބޭއްވެވި ބައްދަލުވުންތަކުގައި އަލިއަޅުވާލާފައިވާ ބައެއް މުހިއްމު ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާއި، އިންވެސްޓްމެންޓްގެ ދާއިރާއާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، މިކަމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.