ޚަބަރު

ބަޖެޓް 2019 - އެންމެ ބޮޑު ހޭދައެއް ކުރާނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް


2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީ ބަޖެޓުގެ 40 އިންސައްތަ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުގެ މަޝްރޫޢުތަކަށް ޚަރަދުކުރަން ބަޖެޓުގައި ހިމަނައިފިއެވެ.

ޕީ.އެސް.އައި.ޕީގެ މަޝްރޫޢުތަކުގެ ގޮތުގައި ގިނަ މަޝްރޫޢުތަކެއް ހިމަނާފައިވާއިރު، 6.6 ބިލިއަން ރުފިޔާ ޕީ.އެސް.އައި.ޕީގެ މަޝްރުޢޫތަކަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަކީ ދަޢުލަތުގެ ޢާއްމު ބަޖެޓާއި، ލޯނާއި، ހިލޭ އެހީ އަދި ޓްރަސްޓް ފަންޑްތަކުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކެވެ.

2019 ވަނަ އަހަރަށް ކަނޑައެޅި ޕީ.އެސް.އައި.ޕީ ބަޖެޓުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މީގެތެރެއިން ހިނގަމުންގާ 315 މަޝްރޫޢުއަށް 4.7 ބިލިއަން ރުފިޔަ ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އުމްރާނީ ތަރައްޤީގެ 229 މަޝްރޫޢު އަލަށް ފެށުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުތަކަށް 1.9 ބިިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ ބަޖެޓު ބަހާލާފައިވަނީ މައިގަނޑު 12 ދާއިރާއަކަށެވެ. އެގޮތުން ޕީ.އެސް.އައި.ޕީގެ ޕްރޮގްރާމްތައް ބެހިފައިވާގޮތަށް ބަލާއިރު، ލަފާފުރުމުގެ ދާއިރާގެ މަޝްރޫޢުތަކަށް 40.1 އިންސައްތަ، ފެނާއި ނަރުދަމާއަށް 19.7 އިންސައްތަ، ސިއްޙީ އަދި އިޖްތިމާއީ ދާއިރާއަށް 9 އިންސައްތަ، ބިން ހިއްކުމާއި މަގުހެދުމުގެ މަސައްކަތްތަކަށް 9 އިންސައްތަ، ތިމާވެށީގެ މަޝްރޫޢުތަކަށް 7.7 އިންސައްތަ އަދި ބޯހިޔާވަހިކަމަށް 4.9 އިންސައްތަ ހިމަނާފައިވެއެވެ. މީގެ އިތުރުން ތާއުލީމީ ދާއިރާއާއި، މިސްކިތް އިމާރާތްކުރުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަޝްރޫޢުތައްފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ހިމަނާފައެވެ.

ޕީ.އެސް.އައި.ޕީން 2019 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރަނީ ލަފާފުރުމުގެ ދާއިރާގެ މަޝްރޫޢުތަކަށެވެ. ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް 96 މަޝްރޫޢެއް ހިމަނާފައިވާއިރު މިމަޝްރޫޢުތަކަށް 2.6 ބިލިއަން ރުފިޔާ ޚަރަދުކުރަން ވަނީ ހަމަޖެހިފައެވެ.

ޕީ.އެސް.އައި.ޕީ ބަޖެޓުން ލަފާ ފުރުމުގެ އިތުރަށް ދެން އެންމެ ބޮޑު ހޭދައެއް ކުރާނީ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން 120 ރަށުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢު ހިންގުމަށް ވަނީ ނިންމާފައެވެ. މިކަމަށް ޕީއެސްއައިޕީ ބަޖެޓުން 1.3 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

ޕީއެސްއައިޕީގެ ބަޖެޓުން އަންނަ އަހަރުގެ ބަޖެޓުގައި ސިއްޙީ އަދި އިޖްތިމާޢީ ދާއިރާއަށްވެސް ބޮޑެތި ހޭދަތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތަކާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުން ހިމެނެއެވެ.

ޕީއެސްއައިޕީގެ ބަޖެޓުގައި ހިމެނޭ ބައެއް އެހެން ކަންކަމުގެ ތެރޭގައި އަލަށް 6 ރަށެއްގައި ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫޢާއި ކުނި މެނޭޖުކުރުމުގެ މަޝްރޫޢުތަކާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުތަކުގެ އިތުރުން، އުޅަނދު ޕާކުކުރުމަށް ތިން ޕާކިންގ އިމާރާތާއި، 29 ރަށެއްގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރުޢުތައް ހިމެނެއެވެ.

ޕީއެސްއައިޕީގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ހިމަނާފައި ވީނަމަވެސް، އަންނަ އަހަރަށް ލަފާކުރާ ޕީއެސްއައިޕީ ބަޖެޓަކީ 2018 ވަނަ އަހަރަށްވުރެ 6.6 އިންސައްތަ ކުޑަ ބަޖެޓެކެވެ.