ސިޔާސީ

އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުމަށް


އަންހެނުންނަށް ކުރާ އަނިޔާތަކާއި، އާއްމުންނަށް ދެމުންދާ ބޮޑެތި
ޖިސްމާނީ އަނިޔާތައް ހުއްޓުވުމަށް ދަރުމަވެރިން ނިކުމެ މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ
އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.



ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި
ރެޑްކްރޮސެންޓްގެ ފަރާތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު
ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ  މި ވަގުތު ކާރިސާއެއް
ހައްލު ކުރަން ކުރާ މަސައްކަތް ފިޔަވައ ދެން އޮތް އެންމެ ބޮޑު ދަރުމަވެރިކަމަކީ،
އަންހެނުނަށް ކުރާ އަނިޔާ ހުއްޓުވުން ކަމަށެވެ. އަންހެން ކުދިންނަށާއި
އަންހެނުންނަށް އެހެން ބަޔަކު އަނިޔާ ކުރާކަށް މިފަސްގަނޑުން ޖާގަ ދެވިގެން ނުވާނެ
ކަމަށާއި އެމީހުންނަށް ކުރެވޭ އަނިޔާތައް ހުއްޓުމުގައި ދަރުމަވަންތަވެރިންގެ
ހިއްސާ ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ބޮޑެތި ޖަރީމާތަކާއި މީހުން މެރުން ފަދަ ލާ އިންސާނީ އަނިޔާތައް ދިނުމުން
ޒުވާނުން ދުރުކުރަން ޖެހިފައިވާ ކަމަށާއި އެއްވެސް މީހެއްގެ ދަރިޔަކު އަނިޔާވެރި
ގޮތަކަށް މަރާލަން އެކަކު ވެސް ނޭދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަން
ހުއްޓުވުމަށްޓަކައި ވޮލަންޓިއަރުންނަށް އެހީތެރި ވެވިދާނެ ކަންކަން ފާހަގަކޮށް، އެ
ކަމަށް މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މުޖުތަމަޢުގައި އޮންނަ ބިރުވެރިކަމުގެ އިހްސާސްތައް
ފިލުވާލަން ޖެހޭ ކަމަށެވެ. އަދި މުޖުތަމަޢުގެ ތެރެއިން ގިނަ ޒުވާން ލީޑަރުންތަކެއް
އުފައްދަން ޖެހޭ ކަމަށާއި މުޖުތަމަޢުގައި ނުރަނގަޅަށް ހިންގާ ކަންކަން
ހުއްޓުވުމަށް ބަޔަކު ވަކާލާތު ކުރަން ނިކުންނަން ޖެހިފައިވާ ކަމަށެވެ. ރައީސް
ވިދާޅުވީ މާދަމާ ހެނދުނު ހޭލާ އިރު އާއިލާގެ އެއްވެސް މެންބަރެއް މަރުވެފައި
ނުވަތަ މީހަކަށް އަނިޔާވެފައިވާ ކަމުގެ ޚަބަރު އެއްވެސް މީހަކު އަހަން ބޭނުން
ނުވާނެ ކަމަށެވެ.



މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގައި ދަރުމަވެރިންގެ ގޮތުގައި ޒުވާނުން
ޙަރަކާތްތެރިވަމުން ދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވޮލަންޓްރީ
މަސައްކަތުގައި ސާކުގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ރާއްޖެ
ކަމަށް ވިދާޅުވިއެވެ. އަދި  އެހެން
ގައުމުތަކުގައި ވޮލަންޓްރީ މަސައްކަތަށް ޒުވާނުން ނެރުމަކީ ބޮޑު ގޮންޖެހުމަކަށް
ވިޔަސް، ރާއްޖޭގައި މި މަސައްކަތުގައި ފެންނަނީ ޒުވާނުން ކަން އެ މަނިކުފާނު
ފާހަގަ ކުރެއްވިއެވެ. ގުދުރަތީ ހާދިސާތައް ކުރިމަތިވަނީ ދުނިޔޭގެ ވަކި ހިސާބަކަށް
ނުވަތަ ވަކި ބަޔަކަށް ނޫން ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ
ހާދިސާތަކަށް ވޮލަންޓިއަރުން ތިބެން ޖެހޭނީ އަބަދު ވެސް ތައްޔާރުވެގެން ކަމަށެވެ.
ވޮލަންޓިއަރުންގެ މަސައްކަތަކީ ވަރަށް އަގުހުރި މަސައްކަތެއް ކަމަށާއި ހާލުގައި
ޖެހިފައިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުން ލިބޭ ހިތްހަމަ ޖެހުމަކީ
އެންމެ މަތިވެރި ތަޖުރިބާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.