ޚަބަރު

ރައީސް ނަޝީދާއި ޝައިޚް އިމްރާނަކީ ޕާޓީގެ ރައީސުންގެ ގޮތުގައި އީސީން ބަލައިގަނެފި


އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ، އެ ދެ ޕާޓީގެ ރައީސުންގެ ގޮތުގައި އަލުން ބަލައިގެންފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ މުޙަައްމަދު ނަޝީދާއި، އިމްރާން ޢަބްދުﷲއަކީ މި ދެ ސިޔާސީ ޕާޓީގެ ރަޢީސުންގެ ގޮތުގައި މިހާރު ބަލައިގެންފާކަން ދެ ޕާޓިއަށް މިހާރު އަންގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މިއަދު ބޭއްވި އެކޮމިޝަނުގެ މެމްބަރުންގެ ބައްދަލުވުމުގައި ރައީސް ނަޝީދާއި ޝައިޚް އިމްރާނަކީ އެމްޑީޕީއާއި ޢަދާލަތު ޕާޓީގެ ރައީސުންގެ ގޮތުގައި ބަލައިގަންނަން ނިންމީ ޕެރޯލްގެ ގާނޫނުގެ ދަށުން އެ ދެ ބޭފުޅުންގެ މަޤާމުން ކުރިން ސަސްޕެންޑް ކުރި ނަމަވެސް، އެ ދެ ބޭފުޅުން މިވަގުތު ޖަލު ބަންދުން ސަލާމަތްވެފައިވާތީ ކަމަށެވެ.

" ކޮމިޝަނުން އެގޮތައް ނިންމީ ޕެރޯލްގެ ޤާނޫނުގައި ބުނާގޮތުން ޕާޓީއެއްގެ މަސްޢޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، ޕާޓީއިން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ ނޫޅެވޭނެކަމަށް ބުނެފައިވަނީ ޖަލުގައި ބަންދުކުރެވިފައިވާ މުއްދަތުގައި ކަމަށްވާތީ" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ސުޕްރީމްކޯޓުން ނަޝީދާއި އިމްރާނުގެ ޙުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް ޙުކުމްކުރުމާއި ގުޅިގެން މިހާރު އެ ދެ ފަރާތުން ތިބީ މިނިވަނުންގެ ގޮތުގައިކަމަށެވެ. އެހެންކަމުން އިލެކްޝަން ކޮމިޝަނުން އެކަން ބަލައިގަނެ މިގޮތަށް ނިންމާފައިވަނީ އެ ދެ ފަރާތައް ލިބެންޖެހޭ މަޤާމުގެ ޙައްޤު ހޯދައިދިނުމުގެ ގޮތުންކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަކްރަމް ވިދާޅުވިއެވެ.

ކުރީގެ ރަޢީސް މުޙައްމަދު ނަޝީދު ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔައީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ޤާނޫނާއި ޚިލާފަށް ހައްޔަރުކުރިކަމަށްބުނެ ، އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާގައި، 13އަަހަރުގެ ޖަލު ހުކުމެއްގައެވެ.

އަދި ޢަދާލަތު ޕާޓީގެ ރަޢީސް ޝައިޚް އިމްރާން ޢަބްދުﷲގެ މައްޗައް ކޮށްފައިވަނީ 2015ވަނަ އަަހަރު މޭމަހުގެ 1 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ހަަމަނުޖެހުން އުފައްދުމަށް ހިތްވަރުލިބޭ ގޮތަށް ވާހަކަދެއްކިކަމަށްބުނެ، 2އަހަރުގެ ޖަލުހުކުމެކެވެ.