ޚަބަރު

އުރީދޫއިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި


އުރީދޫ ކަލަރ ރަންގެ ޙަރަކާތެއްގެ ގޮތުން، ތެލަސީމިއާ ސޮސައިޓީއާއި ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފިއެވެ.

އުރީދޫ ކަލަރ ރަންގެ ނަމުގައި ކުރިއަށްގެންދާ ފަން ރަންގެ ޗެރިޓީ ޕަރޓްނަރެއްގެ ގޮތުން މި އަހަރު ޙަރަކާތްތެރިވަނީ ތެލަސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްއެވެ. އުރީދޫއިން ބުނީ މި ދުވުމުގައި ޗެރިޓީ ޕަރޓްނަރެއް ހިމެނުމަށް ނިންމީ ކުޅިވަރާއި، މަޖާ މާޙައުލެއްގެ ތެރެއިން، މުޖުތަަޢުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންކަމަށެވެ.

ލޭހަދިޔާކުރުމުގެ ކޭމްޕާ ގުޅޭގޮތުން އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ޙުޞައިން ނިޔާޒު ވިދާޅުވީ މި ބްލަޑް ކޭމްޕުގައި އުރީދޫގެ މުޢައްޒަފުންގެ އިތުރުން ޢާއްމުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

" މި ކޭމްޕުގައި ބޭނުން ކޮންމެ ފަރާތަކަށް ބައިވެރިވެވޭނެ. މިއަދު ހަވީރު ފަހަކާއި ހަމައަށް ކޭމްޕް ކުރިއަށްދާނީ. ތެލަސީމިއާ ސޮސައިޓިއަކީ މިއަހަރުގެ ކަލަރ ރަންގެ ޗެރިޓީ ޕަރޓްނަރަށްވާއިރު، ރަންއިން ލިބޭ ފައިސާގެ ބައެއްވެސް ތެލަސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ." ޙުޞައިން ނިޔާޒު ވިދާޅުވިއެވެ.

ތެލަސީމިއާ ސޮސައިޓީގައި މިހާރުވެސް 800 އަށް ވުރެ ގިނަ ލޭއަޅާ ކުދިން ރަޖިސްޓަރީކޮށްފައިވެއެވެ. ތެލަސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއަރޕަރސަން މަރިޔަމް ސުހާ ވިދާޅުވީ ގިނަ ކުދިންނަށް ލޭ ހޯދުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވާކަމަށެވެ. އަދި ދަރުމަޔަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ޢަދަދު މަދުކަންވެސް ސުހާވަނީ ފާހަގަކުރައްވާފައެވެ.

"ކަލަރ އަ ލައިފް" ގެ ނަމުގައި މިއަދު ހެނދުނު 11ޖެހިއިރުން ފަށައިގެން ލޭ ހަދިޔާކުރުން ކުރިއަށްދާއިރު މިހަރަކާތް މިއަދުގެ 5ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށް އުރީދޫއިން ބުނެއެވެ. ލޭ ހަދިޔާކުރުން ކުރިއަށްދަނީ ތެލަސީމިއާ ސެންޓަރުގައެވެ.

"އުރީދޫ ކަލަރ ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.