ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީގެ އާ ކަސްޓަމަރ ސަރވިސް ސެންޓަރު ހުޅުވައިފި


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިޔު.އެސް.ސީއިން އަލަށް ޢިމާރާތްކުރި ކަސްޓަމަރ ސަރވިސް ސެންޓަރ މިއަދު ހުޅުވައިފިއެވެ. މި ސެންޓަރ ހުޅުވައިދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ފަޒުލް ރަޝީދެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޢިމާރާތް ކުރަމުންދާ 10 ބުރީގެ އާ އިމާރާތުގެތެރއިން ހުޅުވާފައިވަނީ އެ ޢިމާރާތުގެ ގްރައުންޑް ފްލޯއާ ލައިގެން ތިން ފްލޯއެވެ.

ސެންޓަރު ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުންން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ފަޒުލް ރަޝީދު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އެންމެ ބޮޑު ޢަމާޒަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޮރުކޮށްދިނުންކަމަށެވެ. އެހެންކަމުން އަލަށް ހުޅުވި ކަސްޓަމަރ ސަރވިސް ސެންޓރުން ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ގޮތެއްގައި ޚިދުމަތް ފޮރުކޯށްދެވިގެންދާނެކަމަށެވެ.

އަދި ކަސްޓަމަރުންނާއި ކުންފުންޏާ ދެމެދު ކުރިއަށްވުރެވެސް ގާތް އަދި ރަޙްމަތްތެރި މާޙައުލެއް ޤާއިމްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް ފަޒުލް ވިދާޅު ވިއެވެ. ފަޒުލް ވިދާޅުވީ މި އިމާރާތް ފަރުމާކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ވަދޭވޭގޮތަށްކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ޚާއްސަކޮށްގެން އިމާރާތުގެ ތިރީގައި ވަނީ ލިފްޓް ހަރުކޮށްފައެވެ.

"
"މި އިމާރާތުގައި މިޒަމާނުގެ ފެންވަރަށް ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭރު މަގުން ލިފްޓްގެ ޒަރިއްޔާއިން އިމާރާތަށް ވެދެގޮތަށް ވާނީ ހަދާފަ. ކަސްޓަމަރުންނަށް އެ ކުންފުނިން ދެމުންދާ ޚިދުމަތްތައް މި އިމާރާތުން ލިބެމުންދާނެ." ފަޒުލް ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ފަޒުލް ރަޝީދު

އެމް.ޑަބްލިޔު.އެސް.ސީގެ އާ ކަސްޓަމަރ ސަރވިސް ސެންޓަރުގެ ތިރީ ފަންގިފިލާގައި ފެން ބިލަށް ފައިސާ ބަލައިގަތުމާއި ފުރަތަމަ ފަންގިފިލާއިން ކަސްޓަމަރ ސަރވިސް ގެ އެހެނިހެން ޚިދުމަތްތައް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ އެކި ޚިދުމަތްތަކާއި ކަސްޓަމަރުންނަށް ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށް ދިނުން ހިމެނެއެވެ.

އަދި ތިންވަނަ ފަންގިފިލާ އެމްޑަބްލިޔުއެސްސީގެ އެހެނިހެން ޚިދުމަތްތަކަށް ވަނީ ޚާއްސަކޮށްފައެވެ. މީގެ އިތުރުން ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތާއި ކިއު ބީގެ ޚިދުމަތް ލިބެންހުންނައިރު ކުންފުނީގެ ތާރޑް ޕާޓީ ޕޭމަންޓް އައުޓްލެޓް ތަކުން ފައިސާ ބަލައިގަތުން ކުރިއަށްދާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މޮބައިލް އެޕް މެދުވެރިކޮށް ބިލަށް ފައިސާދެއްކޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިޔު.އެސް.ސީން އަލަށް ޢިމާރާތްކުރޮށްފައިވާ ކަސްޓަމަރ ސަރވިސަސްގެ 10 ބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ.
މި މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 42 މިލިއަން ރުފިޔާއަށެވެ.