ޚަބަރު

މާލޭގެ ބިން ބޭނުންކުރުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން ދޫކުރަނީ


މާލޭގެ މަގުތަކާއި ބިންތައް ބޭނުންކުރުމުގެ ހުއްދަ އަށް އެދި ހައުސިންގ މިނިސްޓްރީއަށް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.ހައުސިންގ މިނިސްޓްރީން ބުނީ އެމިނިސްޓްރީގެ ދަށަށް ގެނެސްފައިވާ ބިންތަކުން ބިމެއް ހޯދުމަށް ސިޓީ ކައުންސިލްގެ ހުއްދަ ހޯދަން ނުޖެހޭކަމަށާއި، މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ބިންތަކުގެ ތެރެއިން ހައުސިންގ މިނިސްޓްރީގެ ދަށަށް މިހާރު ގެނެސްފައިވާ ބިންތަކުން ބިމެއް ބޭނުންކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅަންޖެހޭނީ ހައުސިންގ މިނިސްޓްރީއަށްކަމަށެވެ.އަދި އެމިނިސްޓްރީން ހުއްދަ ލިބުމުން ނޫނީ ފުލުހުންނާއި، ސްޓެލްކޯގެ އެއްބާރުލުން ނުދޭނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ބިންތަކުގެތެރެއިން ހައުސިންގ މިނިސްޓްރީގެ ދަށަށް ބިންތައް ގެނެސްފައިވަނީ ވަޒީރުންގެ މަޖްލީހުން ނިންމެވުމާއި ގުޅިގެންނެވެ.ހައުސިންގ މިނިސްޓްރީގެ ދަށަށް ގެނެސްފައިވާ ބިންތަކަކީ ހެދިގޮނޑުދޮށް 2 ސަރަޙައްދާއި، ކޮށި ނަމްބަރު 211 ގައި ސަރުކާރަށް ނެގި ގޯތިތައް ހުރި ބިންތަކާއި، އުސްފަސްގަނޑާއި، ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދު ހިމެނޭ ބިންތަކެވެ. އަދި ދަރުބާރުގެއާއި، ސަލްޓަންޕާކާއި، މާފަންނު ބުރާއި، އަޑި ޕާކާއި، އަލިމަސް ކާނިވާ، އަދި ހުރިހާ ޕާކަކާއި، ހުރިހާ ބުރުތަކެއްގެ އިތުރުން މަސްވެރިންގެ ޕާކަކާއި، މަގުތައްވެސްް ހިމެނެއެވެ.