ޚަބަރު

ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަނީ


ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.

އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެކަން ހާމަކުރެއްވީ މެލޭޝިއާގައި ބޭސްފަރުވާއަށް ވަޑައިގެން ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިޑިއާއަށް މަޢުލޫމާތުދެއްވަމުންނެވެ. ނާޒިމް ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުޙަބާ ވިދާޅުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވަޑައިގަތެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ޑިމޮކްރެޓިކް ވެއްޓެއްގެތެރޭގައި މަސައްކަތްކުރާނެ އަދި ކޮންމެ ފަރުދަކަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށެވެ. އެހެންކަމުން ކާނަލް ނާޒިމް އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ވާހަކަ ހާމަކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފަލެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ތަޖުރިބާހުރި ތައުލީމީ ބޭފުޅުން މިސިޔާސީ ޙަރަކާތަށް ޤައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާކަން އެއީ އަޅުގަނޑުމެންގެ ޕާޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑު ގަބޫލުކުރަނީ އެމަނިކުފާނު އަމިއްލަފުޅަށް އެކަން އިއުލާނުކުރެއްވީތީ އަޅުގަނޑުވެސް މިހުރީ ވަރަށް އުފަލުން."

ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި 2015 ވަނަ އަހަރު ވަނީ އޭނާ 11 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ބޭސްފަރުވާއަށް ޤައުމުން ބޭރަށް ވަޑައިގެންފައިވެއެވެ. އެންމެފަހުން ކާނަލް ނާޒިމް މެލޭޝިއާއަށް ބޭސްފަރުވާއަށް ވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބަށްފަހު މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
ކާނަލް ނާޒިމް ރާއްޖެ ވަޑައިގެންނެވިއިރު، އޭނާގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.