ޚަބަރު

އޮކްޓޯބަރު މަހު މީރާއަށް ލިބުނު ޢާމްދަނީ އަންދާޒާކުރި މިންވަރަށް ވުރެ %9.6 އިތުރު


މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ އަށް ލިބުނު ޢާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ 9.6 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (މީރާ) އިން ޢާންމުކޮށްފައިވާ އޮކްޓޯބަރ މަހުގެ ޢާމްދަނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ އިދާރާއަށް 1 ބިލިއަން ރުފިޔާ މިދިޔަމަހު ލިބިފައިވެއެވެ. އޭގެތެރެއިން 38.5 މިލިއަން ރުފިޔާ ލިބިފައިވަނީ ޑޮލަރުންނެވެ. މިއަހަރުގެ އޮކްޓޯބަރ މަހު ލިބުނު ޢާމްދަނީ އަކީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ލިބުނު ޢާމްދަނީއާއި އަޅާބަލާއިރު 3.9 އިންސައްތަ އިތުރު ޢާމްދަނީއެއްކަން ތަފާސް ހިސާބުން އިގެއެވެ.

އޮކްޓޯބަރ މަހުގެ ތަފާސް ހިސާބު ދައްކާގޮތުން މީރާއަށް އެންމެ ގިނައިން ޢާމްދަނީ ލިބުނީ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީއެސްޓީއިންނެވެ. އެއީ 61.7 އިންސައްތައެވެ. އެއަށްފަހު ދެން އެންމެ ގިނައިން ޢާމްދަނީ ލިބުނީ ވިޔަފާރީގެ ޢާމްދަނީއިން ނެގޭ ޓެކްސް ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސްއިންނެވެ. އެއީ 18.3 އިންސައްތައެވެ. މީގެއިތުރުން ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް މީރާއަށް މިދިޔަމަހު ޢާމްދަނީ ލިބިފައިވެއެވެ.

މި އަހަރުގެ މިހާތަނަށް މީރާއަށް ޖުމްލަ 13 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއަށް ލިބިފައިވަނީ 12 ބިލިއަން ރުފިޔާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.