ސިޔާސީ

އާ އިސްލާހާއިއެކު މައްސަލަތައް ދިގުދެމިގެންދިއުމަށް ހައްލެެއް


ކުށެއްގެތުހުމަތުގައި މީހަކު ހައްޔަރުކުރެވޭ ހިސާބުން ފެށިގެން ސާޅިސް ފަސްދުވަހުގެތެރޭގައި ހުކުމް ކުރުމަކީ، ހެކިފޮރުވުމާއި، ހެއްކަށް ނުފޫޒް ފޮރުވުން ކުޑަކުރެވޭނެ ކަމެއްކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.ބިރުދެއްކުމާއި ނުރައްކާތެރި ‏‏ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ‏‏ގާނޫނަށް ގެނައި އިސްލާހުގައި ހަނުހުރުމާއި ޤާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ހައްގު ހަނިކުރުމުން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީގެ މައްސަލަތައް ނިންމުން ވަރަށް ބޮޑަށް އަވަސް ވެގެންދާނެ ކަމަށްވެސް ބަންޑާރަ ނައިބު އަނިލް ވިދާޅުވިއެވެ.ބިރުދެއްކުމާއި ނުރައްކާތެރި ‏‏ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ‏‏ގާނޫނަށް ގެނައި އިސްލާހުގައި ކުށެއްގެ ތުހުމަތުގައި މީހަކު  ހައްޔަރު ކުރެވޭ ހިސާބުން ފެށިގެން އެމީހަކާ މެދު ދައުވާކޮށް ޝަރީއަތުން ގޮތެއް ނިންމުމަށް ހޭދަވާނީ ޖުމްލަ 45 ދުވަހެވެ. އެއީ ތަހުގީގާއި، ދައުވާ އުފުލުމުގެ މަރުހަލާއަށްވާ 15 ދުވަހާއި، ޝަރީއަތުގެ މަރުހަލާގައި 30 ދުވަހެވެ.އަނިލް ވިދާޅުވީ މިގާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން ކުރިން މިފަދަ މައްސަލަތައް އެތައް އަހަރަކަށް ދިގުދެމިގެން ދިޔަދިއުން ހުއްޓިގެން ދާނެ ކަމަށެވެ. އަދި މުއްދަތު ޖެހުމުގެ އަޑުއެހުމުގައި ބައެއް މީހުން ކުށުގެ ވެށީގެ ތަފުސީލުތައް ކިޔައިދިން ނަމަވެސް އެއީ ޝަރީއަތުގެ މަޖިލިހެއްކަން ކަނޑައަޅާފައި ނުވާތީ އެ ވާހަކަތައް ހެކީގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތެއް އިއްޔެއާ ހަމައަށް ލިބިފައި ނުވާކަމަށްވެސް ބަންޑާރަނައިބް އަނިލް ވިދާޅުވިއެވެ.ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން މަރުގެ މައްސަލަތަކާއި މީހެއްގެ ގުނަވަން ނެތިދާ ފަދަ ގޮތަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުން ތަހުގީގު މަރުހަލާގައި ހަނު ހުރުމުގެ ހައްގުން މަހުރޫމް ވާނެއެވެ.  އަދި އެފަދަ މީހުން ޝަރުއީ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފަނޑިޔާރުންނަށް ގާނޫނުގައި ދީފައިވެއެވެ.ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން  ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ މުޖުތަމައުގައި ކުށްކުރާ މީހުންނަކީ މަދު ބަޔަކަށް ވާއިރު، ގިނަ ރައްޔިތުންގެ ހައްގުގައި މަދު ބައެއްގެ ހައްގުތައް ގާނޫނު އަސާސީގެ އުސޫލުތަކާއި ހުދޫދުތަކުގެ ތެރެއިން ހަނިކުރުމަކީ، މަސައްކަތްކުރަން ތިބި މީހުންނަށް މަސައްކަތް ނުކުރެވިގެން ކުރާ ކަމެއްގެ ގޮތުގައި މާނަކުރެވިގެން ނުވާނެކަމަށެވެ. އަދި  އާންމު އިޖުރާތުގެ ގާނޫނެއް އެކުލަވާ ލެވެމުންދާކަން ފާހަގަކުރައްވާ މުހުތާޒް ވިދާޅުވީ، އޭގެ ސަބަބުންވެސް މިކަންކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.ބިރުދެއްކުމާއި ނުރައްކާތެރި ‏‏ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ‏‏ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަދުވަހު ފާސް ކުރުމުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އިއްޔެ ތަސްދީގް ކުރައްވާފައެވެ.