ޚަބަރު

އިއްތިހާދުގެ މަތިންދާބޯޓުތަކަށް އެމެރިކާއިން ތެޔޮ ފޯރުކޮށްދިނުން ހުއްޓާލަން ނިންމައިފި


ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތާ ހަނގުރާމަކުރަމުންދާ ސަރަހައްދީ އިއްތިހާދުގެ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮ އަޅައިދިނުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އެމެރިކާ އާއި ސައުދީ ޢަރަބިއްޔާއިން އެއްބަސްވެއްޖެއެވެ.

މިކަމާ ބެހޭގޮތުން ސަރަހައްދީ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަމަނުގައި ބޭނުންކުރާ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮ އެޅުމަށް ސައުދީ ޢަރަބިއްޔާއިންނާ އިއްތިހާދުން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށްފައިވާ ކަމަށާއި، މިކަން ކާމިޔާބުވެސް ކުރިެވިފައިވާކަމަށެވެ.

އެހެންކަމުން، މިކަމާ ބެހޭ ގޮތުން އެމެރިކާއާއެކު މަޝްވަރާތައް ކުރުމަށްފަހު ސަރަހައްދީ އިއްތިހާދުން ނިންމީ އެއިއްތިހާދުގެ މަތިންދާބޯޓުތަކަށް އެމެރިކާއިން ވައިގެ ތެރޭގައި ތެޔޮ އެޅުން ހުއްޓާލަންވީ ވަގުތު ޖެހިއްޖެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މާޓިސް ވިދާޅުވީ، މިކަމާ ބެހޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާތައް ކުރެވުނު ކަމަށާ އެމެރިކާއިން މިނިންމުމަށް އެއްބާރުލުންދޭނެ ކަމަށް. އަދި އެގައުމުން ޔަމަނުގެ ޢާއްމުންގެ ފުރާނަ ސަލާމަތް ކުރުމަށް އިއްތިހާދާ އެކު މަސައްކަތްތައް ކުރަމުންދާނެ ކަމަށް ވެސް އެމެރިކާގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

ސަރަހައްދީ އިއްތިހާދުން މިކަން އިއުލާނުކޮށްފައި ވަނީ ޔަމަނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން މަނާ ކުރުމަށް އެމެރިކާއާ އިނގިރޭސިވިލާތުން ހުސްވި މަހު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.