ޚަބަރު

ޤަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކަށް ވެމްކޯއިން ޚިދުމަތްދިނުން ހުއްޓާލަނީ


ޤަވައިދާ ޚިލާފަށް ކުލީ އުޅަނދުތަކުގައި ކުނި އުފުލާނަމަ ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތްދިނުން ހުއްޓާލާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ގޭބިސީތަކާއި ވިޔަފާރިތައް އަދި އެކި މުއައްސަސާތަކާއި ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި އުފެދޭ ކުނި ޤަވާއިދުން އުފުލާ ފަރާތްތަކާއި އަދި ކޮންމެ ދުވަހަކު އާއްމުކޮށް ކުނި އުފުލުމުގެ ޚިދުމަތްދޭ ކުލީ އުޅަނދުތަކުން އެމަސައްކަތް ކުރުމަކީ ކުނި މެނޭޖުކުރުމާއިބެހޭ ޤަވާއިދާ ޚިލާފު ކަމެއްކަމަށެވެ. އެހެންކަމުން މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން މިފަދަ ފަރާތްތަކަށް ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތް ދިނުން ހުއްޓާލާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ ފިޔަވައި އިތުރު ފަރާތަކުން މާލެ ސަރަޙައްދުގައި ކުނި ނެގުމުގެ ވިޔާފަރިކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިންވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

އީޕީއޭއިން ބުނެފައިވަނީ މާލެ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ ހަމައެކަނި ވެމްކޯއަށްކަމަށް ވީނަމަވެސް ބައެއް އަމިއްލަ ފަރާތްތަކުން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ތަންތަނުންނާއި ގޭބީސީތަކުން ކުނި އުފުލަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.