ޚަބަރު

ލަންކާ ސަފީރު މުޙައްމަދު ޙުސެއިން ޝަރީފް އިސްތިއުފާ ދެއްވަން ނިންމަވައިފި


ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް މަޤާމުން އިސްތިއުފާދެއްވަން ނިންމަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ ސަފީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްޓަކައި މިހާރު ފޮރިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާކަމަށާއި ރަސްމީކޮށް މަޤާމުން ވަކިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުކަމަށެވެ. އަދި މިހާރު ސަފީރުކަމުގެ ކާރޑްވެސް ސްރީލަންކާއާ ހަވާލުކޮށްފައިވާކަމަށެވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ މަޤާމުން އިސްތިއުފާދެއްވީ ވަކި މައްސަލަތަކެއް ކުރިމަތިވެގެން ނޫންކަމަށެވެ. އަދި ކުރިއަށްއޮތަނުގައި ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތުގައި ހުންނަވާނެކަމަށެވެ.

މުޙައްމަދު ޙުސެއިން ޝަރީފް ކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގެ މަޤާމް އަދާކުރައްވާފައެވެ. އަދި ލަންކާ ސަފީރުގެ މަޤާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުގައެވެ.