ޚަބަރު

އުއްތަމަ ފަނޑިޔާރާއި މަޖިލިސް ރައީސް، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްވެރިޔާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި، ޤާނޫނުހެދުމުގެ ބާރުގެ އެންމެ މަތީ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އިބްރާހީމް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ދަނީ ދުވަހުގެ ތަހުނިޔާ ދަންނަވައި، ޖުމްހޫރީ ދުވަހުގެ ޝުޢޫރުތައް ސޯޝަލް މީޑީއާގައި ޙިއްޞާކުރައްވަމުންނެވެ.

ރަސްކަމުގެ ދިގު ތާރީޚަކަށްފަހު ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް އެންމެ ފުރަތަމަ ޤާއިމުކޮށްފައިވަނީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް އެ ޖުމްހޫރިއްޔާ ދެމިއޮތީ 7 މަހާއި ކުޑަދުވަސް ކޮޅަކަށެވެ. އަދި ދެވަނަ ޖުމްހޫރިއްޔާ އުފަންވީ 11 ނޮވެމްބަރު 1968 ގައެވެ. ޖުމްހޫރީ ދުވަސް ފާހަގަކުރަމުންދަނީ އެ ދުވަހަށް ނިސްބަތްކޮށެވެ.

ޖުމްހޫރީ ވެރިކަމުގެ މާނައަކީ ރައްޔިތުންގެ ވެރިކަމެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނާނީވެސް ރައްޔިތުންގެ އަތްމަތީގައެވެ.