ސިޔާސީ

މެރިޓައިމް ސިލްކްރޫޓު އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފި


ޗައިނާއިން
އެކުލަވާލާފައިވާ އެކާވީސް ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޫޓުގައި
ބައިވެރިވުމާއި ބެހޭ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފިއެވެ.



ސިލްކް ރޫޓަކީ، ވިޔަފާރީގެ ގުޅުންތައް ފަސޭހަކޮށް،
އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކޮށްގެން އިރުމަތިން ހުޅަނގަށް ދަތުރުކުރާ
ވިޔަފާރީގެ އުޅަނދުތަކަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހޯދާދިނުމުގެ
އިތުރުން، ޗައިނާއިން އެކި ގައުމުތަކާ އޮންނަ
ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ މަޝްރޫއެކެވެ. ޗައިނާގެ
ވެރިރަށް ބެއިޖިންގައި މިއަދުން ފެށިގެން ދެދުވަހަށް ކުރިއަށްދާ ރާއްޖެ-ޗައިނާ
ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ  ތެރެއިން ރާއްޖޭގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ، ޖޮއިންޓް ކޮމިޝަންގެ
ރައީސް، އިކޮނޮމިކް މިނިސްޓަރ
މުޙައްމަދު ސައީދުއެވެ.

ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކީ، ޗައިނާގެ އެހީގައި ރާއްޖޭގައި
މިހާރު ހިންގަމުންދާ މަޝްރޫއުތަކާއި، ކުރިއަށް ރާވާފައިވާ މަޝްރޫއުތަކަށް އެހީ
ހޯދޭނެ ގޮތްތަށް ބެލުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި
މަޝްވަރާ ކުރައްވާނެ ބައެއް ކަންތައްތަކުގެ ތެރޭގައި، އޭޝިއަން
އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކްގެ ނަމުގައި އައު ބޭންކެއް އެކުލަވާލާ،  އެބޭންކްގެ ފައުންޑިންގ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމުގެ މަސައްކަތް ކުރުން
ހިމެނެއެވެ. އަދި ދެގައުމުގެ ދެމެދުގައި
ވިޔަފާރީގެ އެކި މުއާމަލާތްތައް ކުރުމަށް ފްރީ ޓްރޭޑް އޭރިއާއެއް ގާއިމް ކުރުމާއި،
ހުޅުމާލެއާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް އިތުރަށް ހަލުވި ކުރުމުގެ
މަޝްވަރާތައް ކުރާނެކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.



ރާއްޖޭގެ ފަރާތުން ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަންނަވަނީ،
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު
ޝައިނީއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފެވެ.