ޚަބަރު

މޯދީ ރާއްޖެ ވަޑައިގަންނަވަނީ


އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމް ހުވާކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގަންނަވާކަން އިންޑީއާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، ރަވީޝް ކުމާރު އިންޑިއާގެ ދުވަހު ނޫހެއްކަމަށްވާ އިންޑިއަން އެކްސްޕްރެސް އަށް ދިން ބަސްތީގަތުމެއްގައި ވަނީ މިމަހު 17 ވަނަ ދުވަހު ރާއްޖޭގެ އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އިންތިޚާބީ ރައީސް ދެއްވި ދަޢުވަތު ޤަބޫލުކުރައްވައި، މޯދީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އިންޑިއާގެ ބޮޑު ވަޒީރުގެ މިދަތުރުފުޅަކީ ދެ ޤައުމުގެ ހީނަރުވެފައިވާ ގުޅުން ބަދަހިކުރަން ދެވޭ ފެހި ސިގްނަލެއްކަން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ސިފަކޮށްފައެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ސެޕްޓެމްބަރ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުޙައްމަދު ސާލިޙަށް ފޯނުން ގުޅުއްވާ މަރުޙަބާ ދަންނަވައިފިއެވެ. އިބްރާހިމް މުޙައްމަދު ސާލިޙަށް ފޯނުން ގުޅުއްވާ، ނަރެންދުރަ މޯދީ ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާނީ މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު ގަލޮޅުދަނޑުގައިކަމަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތަކާއި ގުޅޭގޮތުން އިންތިޚާބީ ރައީސް އުފައްދަވާފައިވާ އިނޮގްރޭޝަން ކޮމެޓީއިން ވަނީ ހާމަކޮށްފައެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، މަތީ ފެންވަރުގެ ބޭބޭފުޅުން ބައިވެރިވެވަޑައިގަންނަވާތީ، ރަސްމިއްޔާތު އިންތިޒާމުކުރަމުންދަނީ އެ ފަރާތްތަކުގެ ސަލާމަތީކަންކަން އެންމެ ހަރުދަނާގޮތެއްގައި ބެލެހެއްޓޭނެ ގޮތްތަކަށް ބަލައިގެންކަމަށް އިނޮގްރޭޝަން ކޮމިޓީން ބުނެއެވެ.

2015 ވަނަ އަހަރު އިންޑިއާގެ ބޮޑު ވަޒީރުކަމާއި ޙަވާލުވެވަޑައިގެންނެވި ނަރެންދްރަ މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު މަޤާމާއި ޙަވާލުވެވަޑައިގެންނެވި ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.