ޚަބަރު

ބޮޑު މަގާއިއެކު އަތޮޅަށް އިތުރު ތަރައްޤީތަކެއް އަންނާނެ- ރައީސް


ހައްދުންމަތީގެ ‏‏ ބޮޑުމަގަކީ އެއަތޮޅަށް ތަރައްޤީ ގެނެސްދޭނެ އެންމެ ވަރުގަދަ ‏‏އެއް މަޝްރޫޢުއަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭގެ އެހީގެ ދަށުން ހައްދުންމަތީގައި ޤާއިމްކުރާ ހައްދުންމަތީ ބޮޑުމަގު ގެ ޢަމަލީ މަސައްކަތް އިފްތިތާޙު ކޮށްދެއްވުމަށްޓަކައި ރޭ ފޮނަދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ‏ހައްދުންމަތީގައި ޤާއިމްކުރެވޭ ބޮޑުމަގުގެ މަޝްރޫޢަކީ، އޭގެ ސަބަބުން އެއަތޮޅަށް ތަރައްޤީ ގެނެސްދޭނެ އެތަކެއް މަޝްރޫޢެއް ހަޤީގަތަކަށް ހެދިދާނެ ‏‏މަސައްކަތެއްކަމުގައި ވިދާޅުވިއެވެ. އަދި މި ‏މަގާއި އެކީގައި ގުޅިފައިވާ އިޤްތިޞާދީ އަދި ޢުމްރާނީ ތަފާތު މަސައްކަތްތަކުގެ ‏‏ނަތީޖާއަކަށް ވެގެންދާނީ، ހައްދުންމައްޗަށް އުފާފާގަތި ދުވަސްތަކެއް އައުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏ހައްދުންމައްޗާއި ދޭތެރޭގައި ސަރުކާރުގެ ކުރައްވާ އުންމީދު ވަރަށް ބޮޑުކަމުގައި ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގާ ‏ޙާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޮޑެތި މަޝްރޫޢުތަކެއް އެއަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން،  ‏‏ތުނބުރި ޕްރޮޖެކްޓުގެވެސް އެންމެ ފުރަތަމަ އަމާޒު ހިފި އަތޮޅަކީ ހައްދުންމަތިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ މިމަޝްރޫޢުތަކުގެ ސަބަބުން ހައްދުންމައްޗަކީ ކާމިޔާބު އަތޮޅަކަށް ވުމުގެ އިތުރަށް، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ‏‏ވެގެންގޮސް، ވިޔަފާރިވެރިންނަށް ވިޔަފާރީގެ ނަފާގެ ފުރުޞަތުތައް ފަހިވެގެން ދިޔުންކަމަށެވެ.ރޭގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ބޮޑު މަގު ހެދުމަށް ޗައިނާ ސަރުކާރުން 30 މިލިއަން ޑޮލަރު  ޚަރަދުކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެ މަޝްރޫއު ނިންމަން ދެ އަހަރު ކަނޑައަޅާފައި ވިނަމަވެސް އޭގެ ކުރިން މަގުގެ މަސައްކަތް ނިންމާލެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މި ރަސްމިޔާތުގައި ޓޫރިޒަމް މިނިސްޓަރ އަދި އެންވަޔަރމަންޓް މިނިސްޓަރވެސް ބައިވެރިވަޑއިގެންނެވިއެވެ. މީގެ އިތުރުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މަގުހެދުމަށް ޙަވާލުކޮށްފައިވާ ކުންފުނީގެ އިސްބޭފުޅުންވެސް ބައިވެރިވެފައިވެއެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދާ މި ބޮޑުމަގުގެ ދިގުމިނުގައި ފަނަރަ ކިލޯ މީޓަރު ހުރެއެވެ.