ޚަބަރު

އެމްއޭސީއެލްގައި މިއަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންނަށް އެވޯޑް ދީފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މުވައްޒަފުންގެ ތެރެއިން އެކި ދާއިރާތަކުން އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

އެމް.އޭ.ސީ.އެލްގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑް ދީފައިވަނީ ރޭ ބޭއްވި އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އެވޯޑްސް 2018ގެ ތެރެއިންނެވެ. އެމް.އޭ.ސީ.އެލްގެ މުވައްޒަފުންގެ ތެރެއިން މިއަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފުގެ މަޤާމް ހޯދާފައިވަނީ އަޝްޖާއު ޢަބްދުﷲއެވެ. އަދި މެނޭޖަރުންގެ ލެވެލްގައި އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިފައިވަނީ އަލީ ރަޝީދެވެ. ސޭފްޓީ އެވޯޑު ލިބިފައިވަނީ މުޙައްމަދު ނަސީމަށެވެ. ކަސްޓަމަރ ސަރވިސްގެ އެވޯޑު މަރިޔަމް ނީޒާ އާއި ޝަޒްލާ ހުސެއިން އަދި އައިޝަތު ނަޝްވާ ވަނީ ހޯދާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މިއަހަރަކީ އެމް.އޭ.ސީ.އެލްގެ ޙަޔާތުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކާމިޔާބު އަހަރެއްކަމަށެވެ. އަދި މުވައްޒަފުންނަށް ދިމާވި އެކި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރެވި ގިނަ ކަންތައްތަކެއް ހައްލު ކުރެވިފައިވާކަން އާދިލް މޫސާ ފާހަގަކުރެއްވިއެވެ.

ތިން ހާހާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން އުޅޭ އެމް.އޭ.ސީ.އެލްގެ ފަރާތުން އެންމެ ރަނގަޅު މުވައްޒަފުން ހޮވުމަށް ބާއްވާ އެމް.ޑީ އެވޯޑްސް ބާއްވާ މިއީ ތިންވަނަ އަހަރެވެ. މިއީ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، ކުރިއަށް ދިޔުމަށް ބާރުއެޅުމަށް ބާއްވާ އެވޯޑު ޙަފްލާއެއްކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.