ޚަބަރު

އެސް.ޑީ.ޖީ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ 1 ވަނަ ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް

ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަމާޒުކޮށްގެން ބޭއްވި ދެމެހެއްޓެނިވި ތަރައްޤީޤެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ހުޅުވާލި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ އެއްވަނަ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޢާޢިޝަތު ޞަބާ ހޯދައިފިއެވެ.

''ދެމެހެއްޓެނެވި ތަރައްޤީޤެ ލަނޑުދަނޑިތައް ޙާސިލްކުރުން، އަހަރެންގެވެސް ޒިންމާއެއް'' މިމައުޞޫއަށް ޚާއްސަކޮށްގެން ބޭއްވި މިމުބާރާތުގައި ރާއްޖޭގެ 43 ސްކޫލަކުން 500 އަށްވުރެ ގިނަ ޕޯސްޓަރ ހުށަހަޅާފައިވެއެވެ.

ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްދިޔަ މުބާރާތުގެ އެއްވަނަ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޢާއިޝަތު ޞަބާ ހޯދިއިރު، ދެވަަނަ ހޯދީ އަމީނިއްޔާ ސްކޫލްގެ ދަރިވަރު މަރިޔަމް ޝައިހާ އަޙުމަދެވެ. އަދި ތިންވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ ދަރިވަރު ފާތިމަތު ޖައިޝާ އާސިމެވެ.

މުބާރާތުގެ ވަކިވަކި ބައިތަކުން އެއްވަނަ ދެވަނަ ތިންވަނަ ޙާސިލްކުރި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް އެންވަޔަރަމަންޓް އެންޑް އެނާރޖީ އަބްދުﷲ މަޖީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙުމަދު ޝަފީއުއާއި، އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާއެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް އަބްދުﷲ މަޖީދު ދެއްކެވި ވާހަކަފުޅުގައި ދެމެހެއްޓެނެވި ތަރައްޤީޤެ ލަނޑުދަނޑިތަކުގެ އަސާސްތަކާ އެއްގޮތަށް ސްކޫލް ކުދިންނަށް ކުރެވިދާނެ ކަންތައްތައް ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތަށް ސްކޫލް ކުދިންގެ ފަރާތުން ބޮޑު ޝަޢުޤުވެރިކަމެއް ލިބުނުކަންވެސް މަޖީދު ފާހަގަކުރެއްވިއެވެ.

ޕޯސްޓަރ ކުރެހުމުގެ މުބާރާތަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމާއި އޭގެ މުހިންމުކަން އެކުދިންނަށް އަންގައިދިނުމާ އެކަމާ ގުޅޭ ޝުޢޫރުތައް ފަންނުވެރި ގޮތަކަށް ފާޅުކުރުމަށް ކުދިންނަށް ފުރުޞަތު ދިނުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ.