ޚަބަރު

އިސްރަށްވެހިންނަށް އެހީވުމުގެ އެއްބަސްވުމެއްގައި ފެންޝަން އޮފީހުން ސޮއިކޮށްފި


އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދިނުމަށާއި، މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް އެހީތެރިވެދިނުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓަން އޮފީހާއި، ދިވެހި ރެޑް ކްރެސެންޓުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނީ މި އެއްބަސްވުމުގެ ދަށުން އުމުރުން ދުވަސްވީ މީހުންނާ ގުޅުންހުރި 6 ކަމެއްގައި ޕެންޝަން އޮފީހާއި ރެޑް ކްރެސެންޓާއެކު މަސައްކަތްކުރާނެއެވެ. އޭގެތެރާގައި އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ކުރުމަށް އެހެންމީހުންނަށް ބަރޯސާވާ މިންވަރު ކުޑަކުރުން ނުވަތަ ބެލެހެއްޓޭނެ ވަރެއްގައި ހިފެހެއްޓުން އަދި ހިނގާބިނގާވެ އުޅުން އިތުރުކުރުމާއި، އާންމު ދިރިއުޅުމުގެ ކަންކަން ކުރާއިރު ކުރިމަތިވާ ހާނިއްކަތައް މަދުކުރުން ހިމެނެއެވެ. އަދި މީގެއިތުރުން ގައިން ގަޔަށް ނާރާ ބަލިތަކަށް ހުރި ހިރާސްތައް ކުޑަކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުން އަދި މުޖްތަމައުގެ ކަންކަމުގައި ބައިވެރިވުން އިތުރުކުރުމާއި، ރަށު ފެންވަރުގައި ހިންގާ ކަންތައްތައް ތަޖްރިބާކޮށް އެކަންކަމުގައި ބައިވެރިވެވޭނެ ގޮތްތައް އިތުރުކުރުން ހިމެނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސެއިން މަނިކެވެ. އަދި ރެޑް ކްރެސެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ އަމީން ޢާންމު ޢާއިޝަތު ނޫރާ މުޙައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން އުމުރުން ދުވަސްވީ މީހުން އިޖްތިމާއީ ގޮތުން އެކަހެރިވުން ވީހާވެސް ކުޑަކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތަކަކީ ނުކުޅެދުންތެރިކަން ހުރި މީހުންނަށް ވިޔަ ނުދިނުމަށް ކަސްރަތާއި ދިރިއުޅުމުގެ ރަނގަޅު އާދަ ދަސްކޮށްދީ، އާއިލާއާއި ވަކިން ދިރިއުޅޭ މީހުންނަށް ރަށު ފެންވަރުގައި ލިބެންހުރި އަޅާލުން އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.