ޚަބަރު

އެމެރިކާގެ ބަންޑާރަނާއިބުކަމުން ސެޝަންސް ވަކިކޮށްފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ އެޓަރނީ ޖެނެރަލް ޖެފް ސެޝަންސް މަޤާމުން ވަކިކުރައްވައިފިއެވެ. ޓްރަމްޕް އެ ޤައުމުގެ އެޓަރނީ ޖެނެރަލްގެ މަޤާމުން ސެޝަންސް ވަކިކުރައްވާފައި މި ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އޭނާއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުކުރެއްވުމަށް ފަހުގައެވެ.

ޓްރަމްޕް އޭނާއަށް ފާޑުކިއުންތައް އަމާޒުކުރެއްވީ 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނެ ކުރާ ތުހުމަތުތައް ތަޙުޤީޤުކުރުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން އެކުލަވާލި ޚާއްޞަ ކޮމިޓީގައި ބައިވެރިވަޑައިގަތުމަށް ސެޝަންސް ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

މި ކޮމިޓީން ސެޝަންސް އިސްތިއުފާ ދެއްވީ މިދިޔަ 2017 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އޭރު ޓްރަމްޕް ވިދާޅުވީ، ސެޝަންސް އަމިއްލައަށް އެ ކޮމިޓީއިން އިސްތިއުފާ ދެއްވާނެކަން ޓްރަމްޕަށް އެނގިވަޑައިގެންނެވި ނަމަ އެ މަޤާމަށް އެހެން ބޭފުޅަކު ހަމަޖެއްސެވީސް ކަމަށެވެ.

އެޓަރނީ ޖެނެރަލްގެ މަޤާމުން ސެޝަންސް އިސްތިޢުފާ ދެއްވުމަށް ޓްރަމްޕަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މި މަޤާމުން އޭނާ އިސްތިޢުފާ ދެއްވަން ނިންމަވާފައިވަނީ ޓްރަމްޕްގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށާއި މިކަން ކުރަން ބޭނުން ނުވާ ކަމަށެވެ.

އެހެންނަމަވެސް އޭނާ އެޓަރނީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ދުވަސްތަކުގައި އެމެރިކާގައި ޤާނޫނު ނަގަހައްޓާފައިވާ ކަމަށާއި، މިކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް ވިދާޅުވިއެވެ.