ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ ބޭރުގެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައިފި


ބޭރުގެ ބަޔަކާއި ހަވާލުކޮށްގެން ހިންގަމުންދިޔަ ޓްރީޓޮޕް ހޮސްޕިޓަލްގެ ހިންގުން، ޓްރީޓޮޕް ހޮސްޕިޓަލްގެ މެނޭޖުމެންޓްގެ ދަށަށް ބަދަލުކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ޓްރީޓޮޕްގެ ޙިދުމަތް ފެށިއިރު، އެ ހޮސްޕިޓަލްގެ ހިންގުމާއި ހަވާލުވެފައިވާ މެލޭޝިއާގެ ކުންފުނި ރަމްސޭ ސައިމް ޑާބީ ހެލްތު ކެއަރއާއެކު ވެފައިވާ އެއްބަސްވުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފާލާފައިވާކަމަށެވެ. އަދި މި އެއްބަސްވުން އުވާލާފައިވަނީ ދެފަރާތުން އެއްބަސްވެގެންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް އެއްބަސްވުން އުވާލި ސަބަބެއް ހާމައެއް ނުކުރެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލުގެ މެނޭޖުމަންޓް ބަދަލުވި ނަމަވެސް ޚިދުމަތުގެ ފެންވަރަށް އެއްވެސް ބަދަލެއް ނުގެނެސް ޚިދުމަތް ދޭނެކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް ހެޔޮ އަގުތަކެއްގައި އާސަންދަ ލިބޭނެހެން ޚިދުމަތްތައް ދެމުންގެންދާނެކަމަށް ޓްރީޓޮޕުން ބުނެއެވެ.\

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހުޅުވި ޓަރޝަރީ ފެންވަރުގެ ފުރަތަމަ ހޮސްޕިޓަލެވެ. 110 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި ހޮސްޕިޓަލަކީި 210 އެނދުގެ ހޮސްޕިޓަލެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ސްޕެޝަލިސްޓުންނާއި، ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބޭއިރި، މި ހޮސްޕިޓަލުން ހިތުގެ ބަލިތަކާއި، ކެންސަރުފަދަ ބޮޑެތި ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް ދެމުންގެންދެއެވެ. ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ މާޗްމަހުގެ 1 ވަނަ ދުވަހުއެވެ.