ޚަބަރު

މިފްކޯ ދަރަނިވެރިވީ ކުރީ ސަރުކާރުތަކުގެ ސަބަބުން - ފިނޭންސް މިނިސްޓަރ


މިސަރުކާރުން މިފްކޯއަށް މާލީ ބޮޑު ހޭދައެއް ކުރަންޖެހުނީ ކުރީ ސަރުކާރުތަކުގައި މިފްކޯ ބޮޑެތި އަދަދުތަކުން ދަރަނިވެރި ވެފައިވާތިކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ މިފްކޯގެ މާލީ ޙާލަތު ދަށްވެ ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކުރަންޖެހިފައިވަނީ ރައީސް ޔާމީންވެ ސަރުކާރުގެ 5 އަހަރުތެރޭގައި އެކުންފުންޏަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ނޫންކަމަށެވެ. މި ފައިސާއަކީ މިފްކޯގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދިވެހި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ދޭން އެއްބަސްވި ފައިސާކަމަށާއި، މީގެތެރެއިން މިހާތަނަށް މިފްކޯއާ ހަވާލުކޮށްފައިވަނީ މަދު އަދަދެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މުނައްވަރު ވިދާޅުވީ މިފްކޯ ތަރައްޤީކޮށް މިފްކޯގެ ޚިދުމަތްތައް ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާކޮށް ހަރުދަނާކޮށްފައިވާކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ވަނީ މިފްކޯއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ދީފައިވާ ފައިސާގެ ތަފްސީލް ހާމަކޮށްފައެވެ. އެގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހަމަޖެއްސިއިރުއެ ކުންފުނީގެ ދަރަނީގެ ގޮތުގަައި އޮތް 333 މިލިއަން ރުފިޔާ ސަރުކާރުން ދައްކައި، މިފްކޯއިން މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް މަންފާ އިތުރުކުރުމަށް ދިނުމަށް ނިންމާފައިވާ ލޯނާއި، މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ދިނުމަށް މިފްކޯއަށް 100 މިލިއަން ރުފިޔާގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިސަރުކާރުގެ 5 އަހަރުގެ ތެރޭގައި މިފްކޯގެ ޚިދުމަތްތައް ފުޅާކޮށް ދުވާލެއްގެ މައްޗައް އުފައްދާ މަސްދަޅުގެ ކެޕޭސިޓީ ވަނީ 12 ޓަނުން 50 ޓަަށް އިތުރު ކޮށްފައެވެ. އަދި މިފްކޯގެ މަސްކިރާ ބޯޓުތައް މަރާމާތުކުރުމަށް ގިނަ ޚަރަދުތައް ކޮށްފައިވާއިރު މިފްކޯގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 400 ޓަނަށްވަނީ އިތުރުކޮށްފައެވެ.