ޚަބަރު

ހުޅުމާލެ ފިޔަވަތި މަރުކަޒުގަ ސެންސަރީ ރޫމެއް ހުޅުވައިފި


ހުޅުމާލެ ފިޔަވަތި މަރުކަޒުގަ ސެންސަރީ ރޫމެއް ހުޅުވައިފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ފިޔަވަތި މަރުކަޒުގައި ޤާއިމުކުރި މި ސެންސަރީ ރޫމް ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް) ޔުނިސެފްގެ މަންދޫބު މުޙައްމަދު އަލް މުނީރު އ.ސަފީލްދީނެވެ.

ސެންސަރީ ރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މި ސެންސަރީ ރޫމް ޚާއްޞަކޮށްފައިވަނީ ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިންގެ އިތުރަށް ހެދިބޮޑުވުމުގެ މަރުޙަލާތަކުގައި ލަސްތަކެއް އުޅޭކަމަށް ފާހަގަކުރެވޭ ކުދިންނަށްކަމަށެވެ. އަދި ސެންސަރީ ރޫމްގަ ކުރިޔަށްގެންދާ ޕްރޮގުރާމުގެ ތެރެއިން މިފަދަ ކުދިންގެ ތަފާތު ހުނަރު ތައް ތަރައްޤީކުރެވި، އެކުދިންގެ އިހުސާސްތައް ދެނެގަނެވި، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރެވޭނެކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

މި ސެންސަރީ ރޫމްގައި ތެރެޕިއުޓިކް ޙަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް، ޙިއްސުތަކުގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދޭ ކުޅޭތަކެއްޗާއި، ސެންސަރީ ޓެކްޓައިލް މެޓްތަކާއި، ތަފާތު ކުލަތަކާއި، އެކި ޓެކްސްޗަރގެ ތަކެތި ބޭނުންކުރުމުގެ އިތުރުން ތަފާތު ރާގު ނުވަތަ އަޑުތައް އިވޭނެގޮތަށް އެކި ވަޞީލަތްތައް ޤާއިމުކުރެވިފައިވެއެވެ. މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ޒަރލީނާ ސްޓޫޑިއޯގެ އެހީތެރިކަމާއެކުގައިކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ފިޔަވަތީގައި ދިރިއުޅޭ ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ސެޕްޝަލް ނީޑްސް ކޮންސަލްޓަންޓެއް މަސައްކަތްކުރަމުން ގެންދެއެވެ. އަދި މި ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކުގައި މި ސެންސަރީ ރޫމް ޤާއިމުކުރުމާއެކު ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.