ޚަބަރު

"އެޗް 18" ކެޓަގަރީން ފްލެޓްލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާއްމުކޮށްފި


ގުޅިފަޅުން ފްލެޓުގަތުމަށް ފައިސާ ދެއްކި މީހުންނާއި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން، ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތިގެން ފައިސާނުދެއްކުނު މީހުންގެ ތެރެއިން "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރަމުން އަންނަ ހަތް ހާސް ހައުސިން ޔުނިޓުގެ ތެރެއިން ފްލެޓުލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިހާރު އާއްމުކުރަމުން އަންނައިރު އެމިނިސްޓްރީން އިއްޔެ ވަނީ ގުޅީފަޅުން ފްލެޓު ލިބިގެން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް ދޭން ނިންމި 300 ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު "H18" ކެޓަގަރީގެ ނަމުގައި ޢާންމުކޮށްފައެވެ.

އެ ލިސްޓު ގެޒެޓާއި ހައުސިން މިނިސްޓްރީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީން މިހާރު ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި، އެކަނިވެރި މައިންނާއި، 18 އަހަރާ 40 އަހަރާ ދެމެދުގަ ކައިވެނިކޮށްގެން އުޅޭ މީހުންނާއި، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މާލޭގެ ރަށްވެހިންނާއި، އަލަތު ކައިވެނިކޮށްގެން އުޅޭ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓްވެސް ޢާއްމުކޮށްފައެވެ.