ޚަބަރު

މައްސަލަ ޖެހުނު ބެޗުގެ ފުށް ޑިސްޓްރިއުބިޓް ކުރުން އެސްޓީއޯއިން ހުއްޓާލައިފި


އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ގޮދަންފުށުގެ ބެޗެއްގައި މައްސަލަތަކެއް ހުރެގެން އެ ބެޗުގެ ފުށް ޑިސްޓްރިއުބިޓް ކުރުން އެސްޓީއޯއިން ހުއްޓާލައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކަމުން ގެންދާ ފުށުގެ ތެރެއިން ބެޗު ނަމްބަރު 17016853 ގައި ނުބައި ވަހަކާއި ރަހައެއް ހުރިކަން ފާހަގަކުރެވިގެން، އެމައްސަލަ ޖެހުނު ބެޗުގެ ފުށް ޑިސްޓްރިބިއުޓް ކުރުން ހުއްޓާލާފައިވާކަމަށެވެ. މި ބެޗްގެ ފުށުގައި ހުރި މައްސަލަ ދެނެގަތުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ތަޙްޤީގު ކުރަން ވަނީ ފަށާފައެވެ.

މިކާމާ ގުޅިގެން އެސްޓީއޯއިން ޢާއްމުކުރި ބަޔާނުގައި ބުނެފައިވަނީ އެމްއެފްޑީއޭއިން ހަދާ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން މި ބެޗްގެ ފުށް ޑިސްޓިރިބުއުޓްކުރުން އެކުންފުނިން މަޑު ޖައްސާލާފައިވާ ކަމަށެވެ.
އެސްޓީއޯއިން ބުނީ މި ބެޗްގެ ފުށް އެމްއެފްޑީއޭއިން ބަލާފައިވާކަމަށާއި ފުރަތަމަ ބެލި އިރު އާދަޔާ ޚިލާފު ކަމެއް ފާހަގަ ކުރެވިފައި ނުވާތީ އިތުރަށް ޓެސްޓުކުރުމަށް އިތުރު ސާމްޕަލް އެ ފަރާތާއި ޙަވާލުކޮށްފައިވާކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ކާޑު އެތެރެ ކުރަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤަބޫލުކުރާ މިންގަނޑަށް ކަމަށާޢި، ކާޑުގެ ކޮލިޓީ ދެމެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ފުރިހަމައަށް ކުރަމުން އަންނަ ކަމަށެވެ.