ޚަބަރު

ސަން ސިޔާމް ގްރޫޕުގެ އިތުރު ދެ ރިސޯޓެއް ހުޅުވަނީ!


ސަން ސިޔާމް ރިޒޯޓްސް އެންޑް ހޮޓެލްސްގެ ދަށުން އިތުރު ދެ ރިސޯޓު ދާދި އަވަހަށް ހުޅުވާނެކަމަށް އެކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ ޒުލައިޚާ މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ވާހަކަދައްކަވަމުން ޒުލައިޚާ ވިދާޅުވީ މިއަހަރުގެ ޑިސެންބަރު މަހު ސަން ސިޔާމް ގްރޫޕުގެ ހަތަރުވަނަ ރިސޯޓު ހުޅުވުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. މިގޮތުން މިއަންނަ މަހު ރ އަތޮޅުގައި އަދި މިއަންނަ އަހަރު ނ އަތޮޅުގައި ސަން ގްރޫޕުގެ ރިސޯޓު ހުޅުވާނެކަމަށް ޒުލައިޚާ ފާހަގަކުރެއްވިއެވެ.
އަދި މި ރިސޯޓުތަކުގައިވެސް ސަން ސިޔާމް ބްރޭންޑުގެ އެހެން ރިސޯޓުތަކެކޭ އެއްފަދައިން ކޮންމެ ފަންތީގެ މާރކެޓަކަށްވެސް ޚާއްޞަ އޮޕްޝަންތަކެއް ހުންނަނެކަމަށް ޒުލައިޚާ ވިދާޅުވިއެވެ.

"ދ އަތޮޅުގައި މިހުޅުވާ ޕްރޮޑަކްޓަށް ކިޔާނީ ސަން އެކުއަރ އިރުވެލި، އެއީ ސަން އެކުއަރއަކީ އަޅުގަނޑުމެންގެ ސަން ސިޔާމް ރިޒޯޓްސްގެ ތެރޭގައި އިންނަ އަޅުގަނޑުމެންގެ އެކްސްކްލޫޒިވް ބްރޭންޑެއް، އަންކޮޅެއް ކުދި ބުޓީކް ޕްރޮޕަޓީޒް ހިމެނޭނެހެން. އޭގެތެރޭގައި ސަން އެކުއަރ ވިލުރީފް، އެއީ އަޅުގަނޑުމެންގެ ފުރަތަމަ ރިޒޯޓު، ދެން މީގެ ދެ އަހަރުގެ ކުރިން އަޅުގަނޑުމެން ރީބްރޭންޑުކޮށްފައި އެއިނދީ ސަން އެކުއަރއަށް. ދެން އިންނާނީ މިބްރޭންޑުގެ ދަށުން ސްރީލަންކާގައި ހިންގާ ސްރީލަންކާ ޕަސިކުޑާ ރިޒޯޓު. ސަން އެކުއަރ ބްރޭންޑުގެ ދަށުން ތިންވަނައަށް ހުޅުވޭ ޕްރޮޕަޓީ ސަން އެކުއަރ އިރުވެލިއަކީ. ދެން މިއަންނަ އަހަރު އަޅުގަނޑުމެން ހުޅުވާނީ ނ އަތޮޅުގައި ޕްރޮޕަޓީ. އެއީ ސިޔާމް ވޯލްޑް. ސިޔާމް ވޯލްޑުގައި ހުންނާނެ އައް ކެޓަގަރީގެ ރޫމްތައް. އެހެންވީމަ އެންޓްރީ ލެވެލް ވަރަށް އެފޯޑަބަލް ވާނެ." އެގްޒެކެޓިވް ޑިރެކްޓަރ ޒުލައިޚާ މަނިކު ވިދާޅުވިއެވެ.

ސަން ސިޔާމް ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރ ވިދާޅުވީ އެކުންފުނިން ހުރިހާ މާރކެޓަކަށްވެސް އަތްފޯރާފަށުގެ ފަތުރުވެރިކަމުގެ ޚިދުމަތްތަކެއް ދޭ ބަޔަކަށްވުން އެއީ ކުންފުނީގެ ޢަމާޒެއްކަމަށެވެ.