ޚަބަރު

މިހަފްތާގެ ނިޔަލަށް ހުރިހާ މަސްވެރިންނަށް ފައިސާ ދިނުމުގެ މަސައްކަތް މިދަނީ ކުރަމުން - މިފްކޯ


މިފްކޯއިން ފައިސާ ދައްކަންޖެހޭ ހުރިހާ މަސްވެރިންނަށް މި ހަފްތާގެ ނިޔަލަށް ފައިސާ ފޯރުކޮށްދީ ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، މިފްކޯގެ ސީއީއޯ ޢަދްލީ އިސްމާޢިލް ވިދާޅުވެއްޖެއެވެ.

މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް އަގުނުލިބި ދަތިވުމުގެ ޝަކުވާތައް ފެންމަތިވެފައި ވަނިކޮށް، މިފްކޯއިން ވަނީ އިއްޔެ ރާއްޖޭގެ ބައެއް އަތޮޅުތަކުގެ މަސްވެރިނަށް ފައިސާ ފޮނުވާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢަދްލީ ވިދާޅުވީ، އިއްޔެ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފައިސާ ފޮނުވާފައި ވާކަމަށާއި، މިއަދު އުތުރުގެ އަތޮޅުތަކަށްވެސް ފައިސާ ފޮނުވަން ފަށާނެ ކަމަށެވެ.

ޢަދްލީ ވިދާޅުވީ މިފްކޯއަށް ފައިސާ ލިބުމުގައި ދަތިވެފައިވަނީ ދުނިޔޭގެ ބާޒާރުގައިވެސް ގަނޑުކުރި މަހުގެ އަގު ދައްވުމުގެ އިތުރުން، މިފްކޯއިން މަސް ލޯޑުކުރަން ގެނައި ކެރިއަރ ބޯޓު އެކިސަބަބުތަކާއި ހުރެ ފުރުން ލަސްވެގެކަމަށެވެ. ނަމަވެސް އިއްޔެ ބޯޓު ފުރުވާލައި ފުރަތަމަ ޕޭމަންޓް ލިބުމާއިއެކު، މަސްވެރިންނަށް ވީ އެންމެ އަވަހަކަށް ފައިސާ ފޯރުކޮށް ދިނުމުގެ މަސައްކަތް މިފްކޯއިން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.