ޚަބަރު

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ


ބައިނަލްއަޤުވާމީ ކުޑަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ފުވައްމުލައް ސިޓީގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނީ ކުޑަކުދިންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ބޭނުންވާ ކަމަށާއި، އެދުވަހުގެ މުނާސަބަތުގައި ބާއްވާ ހަވީރުގައި ވަރަށް ތަފާތު ޙަރަކާތްތަކެއް ކުރިޔަށްގެންދާނެކަމަށެވެ. އެގޮތުން ކުޑަކުދިންގެ ތެރޭގައި މަގުބޫލު ރޮބޯމޭންއާ، ފުވައްމުލައް ސިޓީގެ އެކި ސްކޫލްތަކުގެ ދަރިވަރުންގެ ހުނަރު ދައްކާލާނެކަމަށެވެ. އޭގެ އިތުރަށް ސަރުކާރުގެ އެކި މުއައްސަސާތަކާއި ސްކޫލްތައް ތަމްސީލު ކުރާ ސްޓޯލްތަކެއްވެސް ބަހައްޓާނެކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނެއެވެ.

މި ހަވީރުގައި ޤައުމީ ފުޓުބޯޅަ ޓީމުގެ ދެކުޅުންތެރިޔަކު ބައިވެރިވާކަމީ މި ހަވީރު ޚާއްޞަވާ އެއްކަމެއްގެ ގޮތުގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ފާހަނގަކުރެއެވެ. ޢާއްމުކޮށް ހުޅުވާލައިގެން ފުވައްމުލައް ސިޓީގެ މައިލޯ ސްޓޭޑިއަމްގައި މިމަހުގެ ނޮވެމްބަރ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ މި ހަވީރުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވުމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އެދެއެވެ.

2017 ވަނަ އަހަރުވެސް ބައިނަލްއަޤްވާމީ ކުޑަ ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ވަނީ ވަރަށް ކުލަ ގަދަކޮށް އެސިޓީގައި މިދުވަސް ފާހަނގަކޮށްފައެވެ. ބައިނަލް އަޤުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ އިސްނަގައިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތައް ކުރިޔަށްގެންދެއެވެ. މީގެ އިތުރަށް ރަށްރަށުގެ އެކި މުއައްސަސާތަކުން ކުރިއަށްގެންދާ އެކި ޙަރަކާތްތަކުގައި ފުލުހުން ދަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

1959 ވަނަ އަހަރުން ފެށިގެން ބައިނަލް އަޤުވާމީ ފެންވަރެއްގައި ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ ވިހި ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ޤަރާރު އދ އިން ފާސްކޮށް، އޭގައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ޤަރާރު އދ އިން ފާސްކޮށްފައިވަނީ 20 ނޮވެމްބަރ 1959 ގައެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ބައިނަލް އަޤުވާމީ މުޢާހަދާ އދ އިން ފާސްކޮށްފައިވަނީ 20 ނޮވެމްބަރ 1989 ގައެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ މުޢާހަދާއާއި ޤަރާރުގައި ރާއްޖެއިން ބައިވެރިވެ، އޭގައިވާކަންކަން ދަނީ ތަންފީޒު ކުރަމުންނެވެ.