ސިއްޙީ ދާއިރާއާއި ގުޅޭގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސް "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2018"ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފަށައިފިއެވެ.
"ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2018"ގެ ނަމުގައި އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދާ މިކޮންފަރެންސްގެ ފުރަތަމަ ދުވަހު ވަނީ ސިކުނޑިއާއި މައިބަދައިގެ އެކި ބަލިތަކާއި ސަރޖަރީތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ 33 ސައިންޓިފިކް ކަރުދާސް ހުށައާޅާފައެވެ.
އަދި އެއާގުޅުންހުރި ދާއިރަތަކުން 20އަށް ވުރެ ގިނަ ކަރުދާސްތައް ހުށައަޅައި މިސެޝަންތަކުގައިވަނީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުން ނިއުރޯސަރޖަރީއާ ގުޅުންހުރި ޑޮކްޓަރުން މި ކޮންފަރެންސްގައި ބައިވެރިވެފައިވާއިރު އެފަރާތްތަކުން ވަނީ މިސެޝަންތަކުގައި އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށްފައެވެ. ރާއްޖޭގައި ހެދިފައިވާ ނިއުރޯސަރޖަރީތަކަށް މިކޮންފަރެންސްގައި އަލިއަޅުވާލާފައިވާއިރު ފާއިތުވި 4 އަހަރުދުވަހުގެތެރޭގައި އޭޑީކޭއިން ވަނީ ހަތް ސަތޭކަ ތޭރަ ސަރޖަރީ ހަދާފައިކަން އެހޮސްޕިޓަލުންވަނީ ހާމަކޮށްފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސަރޖަން ޑރ.ޢަލީ ނިޔާފް ވިދާޅުވީ މިފަހަރުގެ ކޮންފަރެންސް ކުރިން އުންމީދުކުރި ވަރަށްވުރެވެސް ބޮޑަށް ކާމިޔާބުކަމަށެވެ. މިކޮންފަރެންސްގެ ފުރަތަމަ ދުވަހުވެސް ދިވެހި ޑޮކްޓަރުންނަށް ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މިކޮންފަރެންސްގެ ސަބަބުން ޙާސިލުކުރަން ބޭނުންވާ އެއް އަމާޒުކަމަށްވެސް ޑރ.ޢަލީ ނިޔާފް ވިދާޅުވިއެވެ.
މިކޮންފަރެސްގައި މިދިޔަ އަހަރުވެސް ބައިވެރިވެވަޑައިގަތް އެމެރިކާގެ ނިއުރޯ ސަރޖަން ޑރ.ރިޗަރޑް ވޯންސް ވިދާޅުވީ މިކޮންފަރެންސްއަކީ ވަރަށް މުހިއްމު ކޮންފަރެންސެއް ކަމަށެވެ. އަދި ދިވެހިން އިސްނަގައިގެން މިފަދަ ކަމެއް ކޮށްފައިވާއިރު މީގެ ފައިދާ ރާއްޖެއަށް ކުރާނެކަން ފާހަގަކުރައްވައި ޑރ.ރިޗާރޑް ވިދާޅުވީ މިކޮންފަރެންސްގެ ފައިދާ މިކަމުގައި ބައިވެރިވި ކޮންމެ ފަރާތަށްވެސް ކުރާނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.
"ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2018" އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި ސިއްޙީ ދާއިރާއާއި ގުޅުންހުރި އެންމެ ބޮޑު ކޮންފަރެންސަށް ވާއިރު އޭޑީކޭއިން މިހާރު އަމާޒު ހިފާފައިވަނީ މި ކޮންފަރެންސަކީ ސައުތް އޭޝިއާ ސަރަޙައްދުގައި ބާއްވާ އެންމެ ބޮޑު ބްރެއިން އެންޑް ސްޕައިން ކޮންފަރެންސަށް އެދުމަށްކަމަށް އެހޮސްޕިޓަލުން ބުނެއެވެ.