ޚަބަރު

2019ވަނަ އަހަރުގެ ރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް ނެރެފި


ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ ރަސްމީ ގައިޑްގެ އަންނަ އަހަރުގެ އެޑިޝަން ލަންޑަނުގައި ނެރެފިއެވެ.

"މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2019" ލޯންޗުކޮށް ދެއްވީ، އިނގިރޭސިވިލާތުގައި ކުރިއަށް ދާ ވޯލްޑް ޓްރެވަލް މާރކެޓް (ޑަބްލިއުޓީއެމް) ފެއަރގައި، މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ޙާރިޘް މުޙައްމަދެވެ.

ޓޫރިޒަމް އިޝތިހާރު ކުރުމުގައި ޙަރަކާތްތެރިވާ އެންމެ ބޮޑު އެއް އޭޖެންސީ، މޯލްޑިވްސް ޕްރޮމޯޝަން ހައުސްއިން ތައްޔާރުކުރި މި ގައިޑު، ކުރީ އަހަރުތަކުގެ ގައިޑުތަކާ ވަރަށް ތަފާތެވެ. އެގޮތުން، މި ޒަމާނަށް ފެތޭ ޑިޒައިނެއް ވަނީ ބޭނުންކޮށްފައެވެ. އަދި ރާއްޖޭގެ ރީތިކަން ފެންނާނެ ފަދަ ގިނަ ފޮޓޯތަކާއި މެޓީރިއަލްތައް ވަނީ ހިމަނާފައެވެ.

މިއީ މިހާތަނަށް ތައްޔާރުކުރި، އެންމެ ގިނަ މަޢުލޫމާތު ހިމެނޭ ރަސްމީ ގައިޑެކެވެ. އެގޮތުން، 100 އަށް ވުރެ ގިނަ ރިސޯޓް، ގެސްޓްހައުސް، ހޮޓެލް، ސަފާރީ އަދި ޓްރެވަލް އެޖެންސީގެ ފޮޓޮއާއި އެތަންތަނުން ލިބެން ހުރި ވަޞީލަތްތަކާއި ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ވަނީ ހިމަނާފައެވެ. މީގެ އިތުރުން ވެސް، ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓް، ގެސްޓްހައުސް، ހޮޓަލް، ސަފާރީ އަދި ޓްރެވަލް އެޖެންސީ ގައިޑުގައި ލިސްޓުކޮށްފައިވެއެވެ.

ޓޫރިޒަމް އިޝްތިހާރުކުރުމުގައި ގެންގުޅޭ ހަ ދާއިރާއެއްގެ ލީފްލެޓުތަކުގެ އާ އެޑިޝަން ވެސް ވަނީ ޑަބްލިއުޓީއެމްގައި ލޯންޗުކޮށްފައެވެ. އެ ހަ ދާއިރާއަކީ "ކަލަރފުލް ސައިޑް އޮފް ލައިފް"، "ފަން ސައިޑް އޮފް ލައިފް" "ސްޕިރިޗުއަލް ސައިޑް އޮފް ލައިފް"، "ތްރިލިން ސައިޑް އޮފް ލައިފް"، "ރޮމޭންޓިކް ސައިޑް އޮފް ލައިފް"، "ކަލްޗަރ އެންޑް ހެރިޓޭޖް".އެވެ. މި ދާއިރާތަކުން ޖުމްލަ ދުއިސައްތަ ފަންސާސް ހާހަށްވުރެ ގިނަ ކޮޕީ، އަންނަ އަހަރު ބާއްވާ ޓޫރިޒަމް އެކި އިވެންޓުތަކުގައި ބެހުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.