ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްޞަ އިންޓަވިއުއެއްގައި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުޙައްމަދު ވަހީދު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަކީ ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މުހިންމު ބައެއް ކަމަށެވެ. އެގޮތުން ސީޓީ ސްކޭން މެޝިން މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ހަރުކޮށްފައިވާކަމަށާއި، މެޝިނަށް ކަރަންޓް ގުޅުމުގެ މަސައްކަތް ނިމޭހާ އަވަހަކަށް އެޚިދުމަތް ދޭން ފަށާނެކަމަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ ސީއީއޯ ވިދާޅުވިއެވެ.
""ސީޓީ ސްކޭން މެސިން މިހާރު ވަނީ އިންސްޓޯލް ކުރެވިފަ. އެހެންނަމަވެސް ސީޓީ މެޝިނަށް ކަރަންޓް ސަޕްލައި ކުރުމުގެ މަސައްކަތް މުޅިން ނުނިމޭތީ އަދި ސީޓީގެ ހިދުމަތް ނުފެށި މިވަނީ"ކުޅުދުއްފުށީ ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުޙައްމަދު ވަހީދު
ކުޅުދުއްފުށީ ހޮސްޕިޓަލުން 14 ދާއިރާއެއްގެ ސްޕެޝަލިސްޓު ޑޮކްޓަރުން ތިބޭއިރު، ދާދިފަހުން ހިތާއި ނާރުގެ ޑޮކްޓަރުންގެ ޚިދުމަތް އެ ހޮސްޕިޓަލުންވަނީ ދޭންފެށުމާއެކު ކުޅުދުއްފުށީ ހޮސްޕިޓަލް ވެފައިވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ދާއިމީ ގޮތެއްގައި ސުޕަރ ސްޕެޝަލިޓުންގެ ހިދުމަތް ފެށި ފުރަތަމަ ހޮސްޕިޓަލަށެވެ.
"ހިތުގެ ޑޮކްޓަރު ހަދަން ބޭނުންވާ ބައެއް ޓެސްޓް ތައް ހެދޭނެ އިންތިޒާމް އަދި ހޮސްޕިޓަލްގައި ހަމަޖެހިފައެއްނެތް. އެހެންނަމަވެސް ނާރުގެ ޑޮކްޓަރ ބޭނުންވާ ޓެސްޓްތަކާ ހިތުގެ ޑޮކްޓަރ ބޭނުންވާ ޓެސްޓްތައް ވެސް ވަރަށް އަވަހަށް މިހޮސްޕިޓަލްގައި ހަދަން ފެށޭނެ ކަމަށް މި އުންމީދުކުރަނީ. ބައެއް ސާމާނު ލިބިފަވާއިރު އަނެއްބައި ހުރީ ލިބުމުގެ މަގުމަތީގައި" ކުޅުދުއްފުށީ ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުޙައްމަދު ވަހީދު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ ހޮސްޕިޓަލަކުން ހިތުގެ އަދި ނާރުގެ ޑޮކްޓަރުންގެ ހިދުމަތް ދޭ ފުރަަތަމަ ހޮސްޕިޓަލެެވެ. އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ.