ޚަބަރު

ވޯޓު ކަރުދާސްތައް ނައްތައިލުމުގެ މަސައްކަތް އިލެކްޝަނުން ފަށައިފި


ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓުކަރުދާސްތަކާއި ޤާނޫނުގެ ދަށުން އިންތިޚާބު ނިމުމާއިއެކު ނައްތާލަން އަންގާފައިވާ ލިޔެކިޔުންތަށް ނައްތާލުމުގެ މަސައްކަތް ފަށައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބަށްފަހު އިންތިޚާބުގެ މައްސަލަތަށް ކޯޓަށް ހުށަހެޅުމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ވޯޓުކަރުދާސްތަކާއި އެކަމާ ގުޅޭ ލިޔެކިޔުންތަށް ބަހައްޓަން ޖެހުނުކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އެ ކޮމިޝަނުން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެ ކޮމިޝަންގެ މަސައްކަތްތަށް ކުރިއަށްގެންދާނީ ޤާނޫނީ ހުދޫދުގެ ތެރެއިންކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ ވޯޓުކަރުދާސްތަކާއި ޤާނޫނުގެ ދަށުން އިންތިޚާބު ނިމުމާއެކު ނައްތާލަން އަންގާފައިވާ ލިޔެކިޔުންތަށް މިހާރު ނައްތާލުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މި ކަރުދާސްތައް ނައްތާލާނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ބެލުމުގެ ދަށުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

"ތި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ވަރަށް ގިނަ ދުވަސްތަކެއް ވޭތުވެގެން ގޮސްފި މި ކަރުދާސްތަށް ނައްތާލުމުގެ ޕްރޮސެސްގައި. އެގޮތުން އަޅުގަނޑުމެން އަންދާޒާ ކުރި ގޮތާ ޚިލާފަށް ކޯޓުގައިވެސް އިންތިޚާބުގެ މައްސަލަ ދިގުދެމިގެންދިޔަ. މިހާރު އަޅުގަނޑުމެން ވޯޓުކަރުދާސްތަށް ނައްތާލުމުގެ ގޮތުން އެކަރުދާސްތަށް ވާނީ ޝްރެޑްކޮއްފައި." އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ އިންތިޚާބު ބާތިލުކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އިންތިޚާބުގެ ޞައްޙަކަން ގެއްލި، ބާތިލުކުރަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައެވެ.