ޚަބަރު

ބައިނަލް އަޤުވާމީ ބޮޑު ތިން އެއަރލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފެށުމާބެހޭގޮތުން މަޝްވަރާކޮށްފި


އައު ތިން އެއަރލައިނަކުން ރާއްޖެއަށް ތާވަލު ދަތުރުތައް އަންނަ އަހަރު ފެށުމާގުޅޭ ގޮތުން މަޝްވަރާކުރަމުންދާކަމަށް ރާއްޖެއިން އިނގިރޭސިވިލާތާ ބެލްޖިއަމަށް ކަޑައަޅާފައި ހުންނަ ސަފީރު އަޙުމަދު ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިޔާން މިހެން ވިދާޅުވީ މިހާރު ލަންޑަންގައި ކުރިޔަށްދާ ޑަބްލިއުޓީއެމް 2018ގެ ތެރެއިން ރާއްޖޭގެ މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައެވެ. ޝިޔާން ވިދާޅުވީ ޑަބްލިއުޓީއެމްގެ ތެރެއިން ބޮޑެތި މައި އެއަރލައިންތަކަކާއެކު ރާއްޖެއަށް ދަތުރުތައް ފެށުމާބެހޭ ގޮތުން މަޝްވަރާކުރަމުންދާކަމަށެވެ.

“މީޓީންގްސްތަކައް ބަލާއިރު އަޅުގަނޑުމެން މޭޖަރ އެއަރލައިންސްތަކާ އެހެން އަހަރުތަކޭ އެއްގޮތަށް ވާހަކަދައްކަމުން މިދަނީ. ބައެއް އެއަރލައިންތަކުން އެބަބޭނުންވޭ ފްރީކުއެންސީ އިތުރުކުރަން. އަދި ތިން އެއަރލައިންއަކާއެކު ވާހަކަތައް ދެކެވެމުން މިދަނީ މިއަންނަ އަހަރު އެމީހުންގެ ފްލައިޓްސްތައް ފެށުމާ ގުޅޭ ގޮތުން.”

ޝިޔާން ވިދާޅުވީ ޑަބްލިއުޓީއެމްގެ ފުރަތަމަ ދުވަހު ބްރިޓިޝް އެއަރވޭޒް، އެމިރޭޓްސް އަދި އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީ، ޓީޓީޖީއާއެކުވެސް ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރިކަމަށެވެ. އެގޮތުން ރާއްޖެއަށް މިހާރު ދަތުރުކުރަމުން އަންނަ އެއަރލައިންތަކުގެ ދަތުރުތައް އިތުރުކުރުމާ، އައު އެއަރލައިންތަކުން ދަތުރުތައް ފެށުމާއި ބެހޭ މަޝްވަރާތަކެއް ކުރިކަމަށެވެ. އެހެންނަމަވެސް މި ދަތުރުތަކާބެހޭ އިތުރު ތަފްޞީލާއި، ތާރީޚު ހާމަކުރާނީ ވަކިވަކި އެއަރލައިންތަކުން ފަހުގެ ތާރީޚެއްގައިކަމަަށް ޝިޔާން ވިދާޅުވިއެވެ.

ޑަބްލިއުޓީއެމްއާ ބެހޭ ގޮތުން ޝިޔާން ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާ ބޭރުގެ ކުންފުނިތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެއްކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ ޢަދަދެއްގެ ރިސޯޓު ހޮޓާތައް ހުޅުވާފައިވާކަން ފާހަގަ ކުރައްވާ ޝިޔާން ވިދާޅުވީ، މި ދާއިރާ ފުޅާކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެގޮތުން ޔޫރަޕާ، އިނގިރޭސިވިލާތުގައި ރާއްޖެއިން ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދާކަމަށެވެ