ޚަބަރު

ފުވައްމުލައް ސިޓީން ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އިޢުލާންކޮށްފި


ސަރުކަރުން ހިންގާ "ހިޔާ" މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓިގައި ތަަރައްޤީކޮށްފައިވާ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ހައުސިން މިނިސްޓްރީން އިޢުލާންކޮށްފި އެވެ.

ފުވައްމުލައް ސިޓީގައި ޢިމާރާތްކޮށްފައިވާ 150 ގޭގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޚާއްޞަކޮށްފައިވާ 120 ގެއަށް އެދި ފޯމު ހުށަހަޅާފައިވާ 185 ފަރާތާއި، ކެޓަގަރީ B ގެ ދަށުން ފުވައްމުލައް ސިޓީއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ 20 ގެއަށް އެދި ފޯމު ހުށަހަޅާފައިވާ 20 ފަރާތުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓު އިޢުލާންކޮށް މިހާރުވަނީ ސަރުކާރުގެ ގެޓުގައި ޝާއިޢުކުރައްވާފައެވެ.

ފުލެޓުތައް ލިބުނު ފަރާތްތަކުގެ، ޕޮއިންޓް ލިބިފައިވާގޮތާމެދު، މަޢުލޫމާތު ސާފުކުރަން ބޭނުން ފަރާތްތަކާއި، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ސިޓީއަކުން ނުވަތަ ލިޔުމަކުން ފުވައްމުލައް ސިޓީގެ A ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ނުވަތަ " ފުވައްމުލައް ސިޓީގެ B ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ޖެއްސެވުމަށްފަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ނުވަތަ ފުވައްމުލަކު ލޭންޑް އެންޑް ބިލްޑިންގ މުނިސިޕަލް ޑިޕާޓްމަންޓްގެ އޮފީހަށް، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އެންގުމަށް ހައުސިންގ މިނިސްޓްރީން ވަނީ އަންގާފައެވެ.

ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރާނީ ހުށަހަޅާ ޝަކުވާތަކާއި، ސާފުކުރާ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގައި ތަރައްޤީކޮށްފައިވާ ފުލެޓުތައް ލިބޭނެ ފަރާތްތަކުގެ ލިސްޓެއް އިޢުލާން މިކުރީ އެ ފުލެޓުތަކުގެ މަސައްކަތް ނިމުނުތާ ވަރަށް ގިނަ ދުވަސްވެފައި ވަނިކޮށްނެވެ.