ޚަބަރު

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފި


ހިޔާ މަޝްރޫޢު އިން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓުތައް ޢާންމުކޮށްފިއެވެ.

ސަރުކާރުން ކުރިއަށް ގެންދާ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު 7000 މީހުންގެ ދާއިމީ ލިސްޓް ހައުސިން މިނިސްޓްރީ އިން މިހާރު ވަނީ ގެޒެޓް ކުރައްވާފައެވެ. ދާއިމީ ލިސްޓު އިޢުލާނުކޮށްފައި މި ވަނީ ވަގުތީ ލިސްޓާ ގުޅިގެން އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތައް ބެލުމަށްފަހުގައި ކަމަށް ހައުސިންމިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި މިލިސްޓުގައި ހިމެނެނީ، ޑޮކްޓަރުންނާއި ނަރުހުންނާއި، އެކަނިވެރި މައިންނާއި، 18 އަހަރާ 40 އަހަރާ ދެމެދުގަ ކައިވެނިކޮށްގެން އުޅޭ މީހުންނާއި، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މާލޭގެ ރަށްވެހިންނާއި، އަލަތު ކައިވެނިކޮށްގެން އުޅޭ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކުރެވިފައިވާ ލިސްޓެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުޞަތުގައި ހުޅުމާލެއިން ފްލެޓަށް އެދި ގާތްގަނޑަކަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އަދި ހުށަހެޅި މީހުންގެ ތެރެއިން ހައުސިން މިނިސްޓްރީން އިވެލުއޭޓްކޮށް ވަގުތީ ލިސްޓެއް ވަނީ މިދިޔަ އޮކްޓޯބަރުމަހުގެ ނުވަ ވަނަ ދުވަހު ޢާއްމުކޮށްފައެވެ.

ހުޅުމާލޭގެ އިތުރުން އެކި ރަށްރަށުގައި އަޅާފައިވާ 2500 ހައުސިންގ ޔުނިޓުން ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް މިރޭ ވަނީ އިއުލާނުކޮށްފަ އެވެ. އެއީ، ގދ، ތިނަދޫ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހއ.ދިއްދޫ، ގދ.ގައްދޫ އަދި ގއ.ވިލިގިނިލިން ފްލެޓް ލިބުނު މީހުންގެ ލިސްޓެވެ.