ޚަބަރު

މަަރަދޫ ފޭދޫއާ ފޭދޫއަކީ އެއް ދާއިރާއެއްގެ ގޮތުގައި އޮތުން މުހިއްމު - އައްޑޫސިޓީ ކައުންސިލް

އެއް ދާއިރާއެއްގެ ގޮތުގައި މަރަދޫފޭދޫއާއި ފޭދޫ އޮތުމުން ނޫނީ އެ ރަށްތަކުގެ ރައްޔިތުން މަޖިލީހުގައި ތަމްސީލު ނުކުރެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ރައްޔިތުންނާއިވެސް މަޝްވަރާ ކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން އައްޑޫ ސިޓީގެ ވިސްނުން ހާމަކޮށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޑޫގެ އިންތިޚާބީ ދާއިރާތައް މިހާރު ބެހިފައިވާގޮތުން ރައްޔިތުން އެންމެ ފުރިހަމަގޮތުގައި ރައްޔިތުން ތަމްސީލު ނުކުރެވޭކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ސަބަބަށްޓަކައި އައްޑޫގެ އިންތިޚާބީ ދާއިރާތައް އަލުން ތަރުތީބުކުރުމާއި މެދު ވިސްނާވަޑައިގެން ދެއްވުން އެދި ކައުންސިލްގެ ފަރާތުން ދައުލަތުގެ ކަމާއިބެހޭ ފަރާތުގައި އިލްތިމާސް ކުރެވިފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން އެގޮތަށް އިލްތިމާސްކުރާ ސަބަބެއް ކަމަށް ނޫސްބަޔާނުގައި ބުނެފައިވަނީ އައްޑޫގެ އިންތިޚާބީ ދާއިރާތައް ހުރި ގޮތުން މަރަދޫފޭދޫގެ ރައްޔިތުން ތަމްސީލް ކުރެވެނީ އައްޑޫ މީދޫ ދާއިރާއިން ކަމަށް ވުމުން މަރަދޫފޭދޫގެ ރައްޔިތުން އެންމެ އެދެވޭ ގޮތުގައި ތަމްސީލް ނުކުރެވޭ ކަމަށެވެ. އަދި މީދޫގެ ބަޔަކާއި އެއްކޮށް މަރަދޫފޭދޫ ރައްޔިތުން ތަމްސީލް ވުމަށްވުރެ، މަރަދޫފޭދުއާ އިންވެގެން އެއްފަސްކޮށް އޮތް ފޭދޫގެ ބަޔަކާއެކު މަރަދޫފޭދޫގެ އިންތީޚާބީ ދާއިރާ އުފެދުމަކީ، މަރަދޫފޭދޫގެ ރައްޔިތުން މިހާރަށްވުރެ ރަނގަޅަށް ތަމްސީލް ވެވިދާނެގޮތްކަމަށް ފާހަގަވާ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފޭދޫގެ އިންތިޚާބީ ދާއިރާގެ ސިޓީ ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވަނީ 16،000އަށްވުރެ އާބާދީ ބޮޑު ހިތަދޫގެ އިންތިޚާބީ ދާއިރާތައް ބެހިފައިވާ ގޮތުންވެސް މަޖިލީހާއި ކައުންސިލްގައި ރައްޔިތުން މިހާރު ތަމްސީލްކުރެވެމުންދާ ގޮތަކީ، ވިސްނަންޖެހިފައިވާ ކަމެއް ކަމަށެވެ. ހިތަދޫގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި އާއްމު މަސްލަހަތަށް ރިޢާޔަތްކުރާއިރު ހިތަދޫގެ ހަތަރުވަނަ އިންތިޚާބީ ދާއިރާ އުފައްދަންޖެހޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ބަދަލުތައް މިގޮތަށް ގެނެވުނު ކަމުގައިވިއަސް އައްޑޫގެ އެއްވެސް އަވަށެއްގެ އިދާރީގޮތުން ކަނޑައެޅިފައިވާ އިހުތިސާސަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ ރަށްވެހިކަންވެސް ބަދަލު ނުވާނެ ކަމަށް ކައުންސިލުން ބުނެއެވެ.
އިންތިޚާބީ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އައްޑޫ ސިޓީގެ ކަންސިލާއި އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް އިލެކްޝަނުން މަޝްވަރާކޮށްފައިވާއިރު އައްޑޫ ސިޓީގެ ދާއިރާތައް ތަމްޞީލްކުރާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންވަނީ ބައްދަލުކުރައްވާފައެވެ.