ޚަބަރު

ކަރަންޓް ޚަރަދުކުޑަ ތަކެތި ދިވެހި ބަހުން ލޭބަލްކުރަނީ


ކަރަންޓް ޚަރަދުކުޑަ ތަކެތި އެނގޭނެހެން ދިވެހި ބަހުން ލޭބަލްއެއް ހަރުކުރުމުގެ މަސައްކަތް އެންވާރަމެންޓް މިނިސްޓްރީން ފަށައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިފަދަ ލޭބަލެއް ހަރުކުރަން ނިންމީ ކަރަންޓު ސާމާނު ބޭނުންކުރުމުގައި ވިހާވެސް މަދުން ހަކަތަ ބޭނުންކުރާ ތަކެތި ފާހަގަކޮށް، އެ މަޢުލޫމާތު ފަސޭހައިން އިނގޭނެގޮތް ހެދުމަށްކަމަށެވެ. އަދި މިއީ އދ.ގެ ތިމާވެއްޓާއިބެހޭ ޖަމިއްޔާއާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ފަށާފައިވާ "ސްޓްރެންތެނިންގ ލޯ ކަރބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

މިމަސައްކަތުގެ ދަށުން ދިވެހިން ލޭބަލްކުރުމަށް ހަމަޖެހިފައިވަނީ އާއްމުކޮށް ގޭގޭގައި ބޭނުންކުރާ ކަރަންޓު ސާމާނުގެތެރޭގައި ހިމެނޭ ދޮންނަ މެޝިނާއި، އެއަރކޯން އަދި އައިސް އަލަމާރީގައެވެ. މިކަމަކީ އިޤްތިސާދީ ގޮތުންނާއި، ވިޔަފާރީގެ ގޮތުން ބޮޑެތި ބަދަލުތައް އަންނާނެކަމަކަށްވާތީ، އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ވިޔަފާރިވެރިންނާއި ބައްދަލުކޮށް މިކަމާއި ގުޅޭ މަޝްވަރާތައް ކުރަމުންދާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް ނިންމައި، ކަމާއިގުޅޭ އިދާރާތަކާއެކު ހަދަންޖެހޭ އެއްބަސްވުންތައް ނިމުމުން ޕްރޮޑަކްޓްތަކުގައި ލޭބަލް ޖެހުމުގެ މަސައްކަތް ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިމަސައްކަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އާއްމުންގެ ޙިޔާލު ހޯދުމަށް ސަރވޭއެއްވެސް ފަށާފައިވާކަމަށެވެ. މި ސަރވޭގައި ލޭބަލްގެ ޑިޒައިނާއި ލޭބަލްގައި ހިމަނަން ބޭނުންވާ މަޢުލޫމާތާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދާނެކަމަށާއި މި ސާވޭގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިފަދަ ލޭބަލެއް ހަރުކުރުމަށް ނިންމީ ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ހަކަތަ އިސްރާފުކުރުން މަދުކުރުމާއި، ތިމާވެއްޓާއި ރަށްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމާއި އަދި ކަރަންޓަށްކުރާ ހޭދަ ކުޑަކުރުމަށްކަމަށެވެ.