ޚަބަރު

ބޭރުގެ ބާރުތަކުން އިސްލާމީ ޤައުމުތަކަށް ނުފޫޒު ފޯރުވުމަށް ކެނޑިނޭޅި މަސައްކަތްކުރޭ- ޑިފެންސް މިނިސްޓަރ


ބޭރުގެ ބާރުތަކުން އިސްލާމީ ޤައުމުތަކަށް ނުފޫޒުފޯރުވުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ބޭރުގެ ބާރުތަކުން އިސްލާމީ ޤައުމުތަކަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވަނީ، ރައްޔިތުންގެ ފިކުރާ ކުޅެގެންކަމަށެވެ. އަދި މިކަންކަން ކުރުމުގައި ބޭރުގެ ފަރާތްތަކަށް ބައެއް ފަރާތްތަކުން އެހީތެރިވެދޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ މިނިވަންކަމަށް އެންމެ ބޮޑަށް ނުފޫޒު އަންނަނީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ފަރާތްތަކުގެ ސަބަބުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިކަންކަމުން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ކަންކަންކުރުން ރާއްޖޭގައި އިތުރުވެފައިވާއިރު، ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަމަށް ބުރޫއަރާ މިންވަރަށް ކޮރަޕްޝަންގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އަމަލުތަކުން ސިފައިން ދުރުހެލިވުމަށް އަޒުމް ކަނޑައަޅަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ނޮވެމްބަރު 3 ގެ އުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދެކުން އެންމެ ބިރުވެރި ދުވަސްކަަމަށެވެ. ނަމަވެސް އުދުވާނީ ޙަމަލާއަށް 30 އަހަރު ފުރުނުއިރުވެސް މިކަމަށް ޖަވާބުދާރީވެ، ޒިންމާ ނަގާނެ ފަރާތެއް ނެތްކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ޖަލްސާގައި ނަސްރުގެ ދުވަހާ ގުޅޭ ޚާއްސަ ލަވައެއް ނެރުނެވެ. އަދި ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ ސިފައިންގެ އައްޑަނަ މަޖައްލާވެސް ޑިފެންސް މިނިސްޓަރ ނެރެދެއްވިއެވެ. ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގެ އިތުރުންވެސް، ނަސްރުގެ ދުވަހާ ގުޅުވައިގެން، އެމް.އެން.ޑީ.އެފުން ދަނީ ޚާއްސަ ހަރަކާތްތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަމުންނެވެ.