ޚަބަރު

ކުޅުދުއްފުށީ އަންހެން ފުޓް ސެލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި


ޝަހީދު ޙުސައިން އާދަމުގެ ހަނދާނުގައި ކުޅުއްދުއްފުށީގައި ބާއްވާ ފެމެލީ ބޭކާސް ޑަބުލިއު ސްޕޯރޓްސް އެކަޑަމީ ވިމެންސް ފުޓް ސެލް ފިއެސްޓާ 2018ގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

މިކަމައްޓަކައި ބޭއްވި ހާއްޞަ ރަސްމިއްޔާތު އޮތީ ރޭ 9:00 ގައި ކުޅުދުއްފުށީ ލަސްތަންޒާ ރެސްޓޯރެންޓްގައެވެ. ޗެންޕިއަން ޓީމަށް ދިހަ ހާސް ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގައި 7 ޓީމަކުން ބައިވެރިވެފައިވާ ކަމަށް ބޭކާސް ޑަބްލިއު ސްޕޯރޓްސް އެކަޑަމީން ބުނެއެވެ.
ދެގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި 4 ޓީމް ވާދަކުރާއިރު، ގްރޫޕް ބީ ގައި 3 ޓީމު ވާދަކުރެއެވެ. ގްރޫޕް ބީގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެފަހަރު ބައްދަލުކުރާނެއެވެ. އަދި ގްރޫޕް އޭގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާނީ އެއްފަހަރުއެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަގުލަސް ކުލަބާއި ކުލަބް ކޮރަލްސް އެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ކުޅުދުއްފުށި ޒޯން ސްޓޭޑިއަމުގެ ޓާފް ދަނޑުގައެވެ.

މިއީ ފެމެލީ ބޭކާސް ޑަބުލިއު ސްޕޯރޓްސް އެކަޑަމީ ވިމެންސް ފުޓް ސެލް ފިއެސްޓާ ބާއްވާތާ ދެވަނަ އަހަރެވެ.